މިނިވަން ޖުޑިޝަރީއެއްގައި ކޯޓްތަކުން ދަންވަރު ހުކުމް ނެރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ކޯޓްތަކުން ދަންވަރު ހުކުމް ނެރުމަކީ ހަމައެކަނި ދިވެހިރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށެވެ.
އަލީ އާރިފް ވިދާޅުވީ 24 ގަޑިއިރު ކޯޓްތަކުން ރައްޔިތުންނަށް އިންސާފް ލިބެން ޖެހޭ ކަމަށާއި އެހެން ކަމަުން ދަންވަރުގެ ވަގުތަށް ވުމުން ރައްޔިތުން އިންސާފް ނުލިބި ފަނޑިޔާރުން ނިދާފައި ތިބެން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޝަރުޢި ނިޒާމްގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލު ކުރަންވަންތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން އަލީ އާރިފް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުޑިޝަލް ސިސްޓަމްގެ ތެރޭގައި އެއްވެސް މައްސަލަ އެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ޑީޖޭއޭ އިން ސަސްޕެންޑް ކުރި ވަކީލުން ވެސް ސަސްޕެންޑް ކޮށްފައި ވަނީ ރަނގަޅަށް ކަމަށާއި ރާއްޖޭގެ ޝަރުޢީ ދާއިރާއިން ކުރަމުންދާ ކަންތައްތަކާއި އަދި ނިންމާ ނިންމުންތަކަށް ފުރިހަމަ އަށް ތާއިދު ކުރައްވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯޓްތަކުން މައްސަލަތައް ނިންމުމުގައި އެއްވެސް ތަފާތުތަކެއް ގެންގުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޯޓްތަކުން މައްސަލަތައް ނިންމުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ހަގީގަތް އޮޅުވާލާ ކޯޓުތަކުގެ އަގު ވައްޓާލުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިތްހަމަ ޖެހޭ ފަދަ ނިންމުމެއް ދުވަހަކުވެސް ކޯޓތަކުން ނުނިންމޭ ކަމަށާއި އެކަން އެހެން ވަނީ އިދިކޮޅު ފަރާތްތަކުން ބޭނުން ވާހާ ގޮތަކަށް ކޯޓްތަކުން ހުކުމްތައް ނުނެރޭތީ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހުކުމެއް ކުރީ އެއީ ސިޔާސީ ބޭފުޅަކަށް ވީތީ ނޫން ކަމަށާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ހުކުމެއް ކުރީ ސިޔާސީ ބޭފުޅަކަށް ވީތީ ނޫން ކަމަށެވެ. އަދި އެއީ އެ ބޭފުޅުން ކުރެއްވި ކުށަށް ލިބިވަޑައިގެންފައިވާ އަދަބެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގެކޮޅު ދޫވެއްސަށް ވަތް ފައިސާ އަކީ ހަލާލް ނޫން ފައިސާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވިދާޅުވެފައިވާތީ އެކަން ބަލަން ނުޖެހޭތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީންގެ އެ ވާހަކަފުޅު އޮޅުވާލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން ބަޔަކު މީހުން ދެއްކިޔަސް އެ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި އެކަން ގަބޫލު ކުރަނީ އަބަދުވެސް އެފަދަ ވާހަކަތައް ގަބޫކު ކުރާ އެއްބައެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.
އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އެއްކޮށް އަޑުއެހުމުން އެމަނިކުފާން އެ ވިދާޅުވީ ކީކޭކަން ސާފް ވާނެ ކަމަށާއި އަދި ދައްކާ ވާހަކަތައް ބަދަލު ކޮށްގެން ވާހަކަތައް ފެތުރުމަކީ އެމްޑީޕީގެ ފަލްސަފާ އެއް ކަމަށާއި އެގޮތަށް މީޑިއާތަކުން އަމަލު ކޮށްގެން ނުވާނެ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.