ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 31 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބުނެފި އެވެ.
ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖޭއެސްސީ އިން އިއުލާނުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ޖޭއެސްސީއިން ފުރަތަމަ އިއުލާނުކުރީ ދެ ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ގާޒީން ހޯދުމަށެވެ.
އޭގެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓަށް ހޯދަން ބޭނުންވާ ގާޒީން އަދަދު ހަތަރަކަށް އިތުރުކޮށްފަ އެވެ.
ފަނޑިޔާރުން ހޯދަން ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، ކޮމިޝަނުން މިހާރު ކުރަމުންދަނީ އެޕްލިކޭޝަންތައް އެވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،000 ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނަށް 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
ކްރިމިނަލް ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވާއިރު، އެކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން ޖޭއެސްސީއިން ވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފަ އެވެ.