ހުޅުމާލޭ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވަނީ އަންގާރަ ދުވަހު ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
މުއައްވިޒު ވިދާޅުވީ އެ ދެ މައްސަލަ ބަލަން ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސްކުރިން ކަމަށެވެ. ނަމަވެސް އެ ދެ މައްސަލައިގެ އިތުރު ތަފްސީލެއް މުއައްވިޒު ހާމައެެއް ނުކުރައްވަ އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ބަލަނީ ހުޅުމާލޭ ހޮސްޕިޓަލާއި އެހެން ބަޔަކާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކުރިއިރު، އޭގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބެލެވޭ މައްސަލަތަކެކެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދަނީ އާސަންދަ ކުންފުނިންނެވެ. ހުޅުމާލެ ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލުން ކުރިން ހިންގަމުންދަނިކޮށް އާސަންދައިގެ ދަށަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ކޮރަޕްޝަންގެ ދެ މައްސަލައެއް ފެންމަތިވެފައި ވާއިރު، ހުޅުމާލެ ހިންގަމުންދާ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުމޫން އަބްދުއްސަމަދު ދާދިފަހުން ވަނީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލު ކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް ބަލަމުންދާއިރު އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.