އދ. މަޑޫގަލީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަން ޑޮލަރު(60 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދެއްކުމަށް އެ ރިސޯޓް ހިންގާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަޑޫގަލި ރިސޯޓް ހިންގާ ބްލޫ ލެގޫން އިންވެސްޓްމެންޓްގެ މައްޗަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެެއްކުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ޑޮލަރު ދައްކާފައިނުވާތީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދައުވާކުރި މައްސަލައިގަ އެވެ.
ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ 1.1 މިލިއަން ޑޮލަރާއި، އެ ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.9 މިލިއަން ޑޮލަރު ދެއްކުމަށް އަމުރުކޮށްފަ އެވެ.
ބްލޫ ލެގޫން އިންވެސްޓްމެންޓްގެ މައްޗަށް އަމުރު ކޮށްފައިވަނީ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.
މީގެ އިތުރުން އެހެން ބައެއް ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ވެސް މީރާ އިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.