ރާއްޖެ ޓީވީން އިސްނަގައިގެން މިޔަންމާގައި އަނިޔާ ލިބެމުންދާ ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ދެ މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އިއްޔެ މެންދުރު 2:42 ގައި ފަށާފައިވާ މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު ދެ މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިއަދު ހަވީރު 04:50 ގަ އެވެ.
މި ފަންޑަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ ތަކުން އަދި އަމިއްލަ ފަރުދުން ވެސް ދަނީ ވެދެންއޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"ހުރިހާ ދިވެހި ރައްޔިތުންނަށް ހާއްސަކޮށް، މި ފަންޑަށް އެހީތެރިވެދިން އަދި މިހާރު ވެދެމުންދާ ހުރިހާ ފަރާަތްތަކަށް ހިތުގެ އިހްލާސްތެރި ޝުކުރު އަދާކުރަން" ފިޔާޒު ވިދާޅުވި އެވެ.
ކައުންސިލްތަކުން އިސްނަގައިގެން ޓެލެތޯނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ވެސް ފިޔާޒު ޝުކުރު އަދާކުރެއްވެވި އެވެ.
ރާއްޖެ ޓީވީން އިސް ނަގައިގެން ކުރިަޔަށް ގެންދާ ޓެލެތޯނަށް ލިބެމުންދިޔަ ތަރުހީބު ބޮޑުވުމުގެ ސަބަބުން މި ޓެލެތޯނުގެ ވަގުތުވަނީ އިތުރުކުރެވިފައެވެ. އެގޮތުން 24 ގަޑިއިރަށް ކުރިއަށް ގެންދަން ނިންމި ޓެލެތޯނު، ގިނަ ބަޔެއްގެ އެދުމާއެކު ވަނީ 30 ގަޑިއިރަށް އިތުރު ކުރެވިފައެވެ. މި ޓެލެތޯން ނިންމާލަން ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ 8.30 ގަ އެވެ.