ރާއްޖެ ޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް އެއް މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއަދު މެންދުރު 2:42 ގައި ފަށާފައިވާ މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިރޭ 12:00 ގަ އެވެ.
"ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަޅުގަނޑުމެން ކަނޑައެޅި ޓާގެޓް މި ވަނީ ހަމަވެފައި،" ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 10 ގަޑިއިރު ތެރޭގައި އެއް މިލިއަން ރުފިޔާގެ ލިބިގެން ދިއުމުން ކަށަވަރުވަނީ ހާލުގައި ޖެހިފައިވާ މުސްލިމުން އަޚުންނާއި އުޚުތުންނަށް ދިވެހިންގެ ހިތުގައި އޮތް ހަމްދަރުތީ އާއި ދިވެހިންގެ ދީލަތި ކަމެވެ.
މި ފަންޑަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލްތަކާއި ކުލަބު ޖަމިއްޔާ ތަކުން އަދި އަމިއްލަ ފަރުދުން ވެސް ދަނީ އެހީތެރިވަމުންނެވެ.
"ބައެއް ފަރުދުން އެބަހުރި އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވެސް ހަދިޔާކޮށްފައި. ތުއްތު ތުއްތު ކުދިން އެބަ އާދޭ އުފަންދުވަހަށް ހަދިޔާ ގަންނަން އެއްކޮށްފައި ހުރި ލާރިކޮޅު ފަންޑަށް ހަދިޔާކުރުމަށް. ހަގީގަތުގައި ވެސް ދިވެހިންނަކީ ނަމޫނާ ބައެއް، ފަންޑަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ފަށްފަށުން ޝުކުރިއްޔާ،" ފިޔާޒު ވިދާޅުވި އެވެ.
ކައުންސިލްތަކުން އިސްނަގައިގެން ޓެލެތޯނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ވެސް ފިޔާޒު ޝުކުރު އަދާކުރެއްވެވި އެވެ.
"ރަށްރަށުގައި ވެސް މި ހިންގާ ހަރަކާތްތަކަކީ ވަރަށް ފާހަގަކޮށްލެވޭ ހަރަކާތްތަކެއް. ބައެއް ރަށްރަށުން ވަރަށް ފުރިހަމަ ނަމޫނާއެއް ދަނީ ދައްކަމުން،" ފިޔާޒު ވިދާޅުވި އެވެ.
ރާއްޖެ ޓީވީން އިސް ނަގައިގެން 24 ގަޑިއިރަށް ކުރިއަށް ގެންދާ ޓެލެތޯން ނިންމާލާނީ ހޯމަ ދުވަހުގެ 14:42 ގަ އެވެ.