ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 13:43
ގާނޫނީ ވަކީލުންތައް އޭތްރީ ސައިޒުގެ ގާނޫނު އަސާސީ ހިފައިގެން ބަންޑާރަނައިބުގެ އޮފީހަށް ދަނީ
ގާނޫނީ ވަކީލުންތައް އޭތްރީ ސައިޒުގެ ގާނޫނު އަސާސީ ހިފައިގެން ބަންޑާރަނައިބުގެ އޮފީހަށް ދަނީ
މުހައްމަދު ޝަރުހާން
ދުސްތޫރީ ފަސާނާ
"ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަނައިބު އަނިލް އަށް ވެދުން ކޮށްފި
ގާނޫނީ ވަކީލުންގެ ފަރާތުން އޭތްރީ ސައިޒުގެ ގާނޫނު އަސާސީއެއް
ވަކީލުންްގެ ޕެޓިޝަން ވެސް ވަނީ އަނިލް އަށް ހުށަހަޅާފަ
ބައެއް މާއްދާތައް ނުފެންނަ ކަމަށް ފެންނާތީ ބޮޑު އަސާސީއެއް

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންގެ ފަރާތުން "ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ވެދުން ކޮށްފި އެވެ.

ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން އާދިއްތަ ދުވަހު ވަނީ ބަންޑާރަނައިބުގެ އޮފީހަށް ވަޑައިގަންނަވާފަ އެވެ. ގާނޫނީ ވަކީލުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރެއްވި ޕެޓިޝަން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ވަކީލުން ވަނީ އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައި އޮތް ގާނޫނު އަސާސީއެއް ބަންޑާރަ ނައިބަށް ވެދުން ކޮށްފަ އެވެ.

ބަންޑާރަނައިބުގެ އޮފީސް ހުންނަ ވެލާނާގޭ އިމާރާތުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ ބަންޑާރަނައިބަށް ގާނޫނު އަސާސީއެއް ވެދުން ކުރީ ގާނޫނު އަސާސީއަށް އަމަލުކުރުމުގައި އަދި އަމަލުކުރާކަން ކަށަވަރުކުރުމުގައި ބަންޑާރަނައިބު އަދާކުރައްވަން ޖެހޭ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާކުރަމުންދާތަން ނުފެންނާތީ ކަމަށެވެ. 

މަހުފޫޒް ވިދާޅުވީ ބަންޑާރަނައިބަށް ގާނޫނު އަސާސީއެއް ވެދުން ކުރީ ވަކީލުންގެ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށާއި ސުޕްރީމް ކޯޓުން ޕެޓިޝަން ބަލައިނުގަތް ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ޕެޓިޝަނާއި ގާނޫނު އަސާސީ ބަލައިގަނެފައިވާ ކަމަށެވެ. 

މަހުފޫޒް ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ގާނޫނު އަސާސީއަށް ވުރެ "ފުޅާ" ނުވެވޭނެ ކަމަށެވެ.

"އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމުގައި ވީނަމަވެސް، ރައީސް އޮފީސް ކަމުގައިވީ ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގައި ވިޔަސް، އަދި ޚުދު ބަންޑާރަނައިބު އަނިލް ކަމުގައި ވީ ނަމަވެސް، ގާނޫނު އަސާސީއަށް ވުރެ ފުޅާ ނުވެވޭނެ އެއްވެސް މީހަކަށް، އަޅުގަނޑުމެން ބޭނުންވީ ބަންޑާރަނައިބަށް މި މެސެޖު ދޭން،" މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ޕެޓިޝަން އަނިލް ވިދާޅުވެލައްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށާއި އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް އުންމީދު ކުރާ ކަމަށެވެ.

ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނު ސުއޫދު ވިދާޅުވީ ބަންޑާރަނައިބު އަނިލް އަށް ވެދުން ކުރި ގާނޫނު އަސާސީއަކީ ވަރަށް ފުޅާ އަދި ބޮޑު ގާނޫނު އަސާސީއެއް ކަމަށާއި އެއްވެސް މާއްދާއެއް އޭގައި އުނިވެފައި ނޯންނާނެ ކަމަށެވެ. 

"އަޅުގަނޑުމެން ޔަގީންކުރިން ހުރިހާ މާއްދާއެއް ހަމަތޯ، އަޅުގަނޑުމެންނަށް ބައެއް ބޭފުޅުން ގާނޫނު އަސާސީ ބެއްލެވުމުގައި ބައެއް މާއްދާތައް ފެނިވަޑައިނުގަންނަވާހެން ހީވާތީވެ، ގައިމުވެސް ފެނިވަޑައިގަންނަވާ ސައިޒުގައި ގާނޫނު އަސާސީ މި ހަދިޔާކުރީ" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެހެން މުއައްސަސާއަކަށް ވެސް ގާނޫނު އަސާސީ ނުފެންނަނަމަ މި ސައިޒުގެ ގާނޫނު އަސާސީ އެ މުއައްސަސާއަކަށް ހިލޭ ހަދިޔާ ކޮށްދޭނެ ކަމަށެވެ.

އާންމުކޮށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ 56 ވަކީލެއް ސޮއިކޮށްފައިވާ ޕެޓިޝަނުގައި ވަކީލުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ޝަރީއަތް ކުރެވެމުންދާ ގޮތާއި، ޓެރަރިޒަމުގެ ހަގީގީ މާނަ އޮޅުވާލައިގެން ދައުވާ ކުރުމާއި، މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި، ކުރެވެމުންދާ ހުކުމްތަކާއި، ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުން ފަދަ ކަންތައްތަކަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުމާއި، އެއްވެސް ސަބަބެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ހިންގަމުންދާ ގޮތާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ކަންކަމާ މެދު ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް