ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 14:33
ގަން އިންޓަރނޭޝަނަލް އެއާރޕޯޓް
ގަން އިންޓަރނޭޝަނަލް އެއާރޕޯޓް
ފޭސްބުކް
އައްޑޫ ސީޓީ
އައްޑޫ ސިޓީ ގަމަށް ޕިކްނިކާއި މަހަށްދާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނަން: އޭއައިއޭ
މީގެ ފަސް އަހަރުކުރިންވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިއުލާން ކޮށްފައިވޭ
ނަމަވެސް އެއާ ހިލާފަށް ބަޔަކު އަމަލު ކުރަމުންދާކަން ފާހަގަކޮށްފައިވޭ
މިއަދުން ފެށިގެން އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވޭ

އައްޑޫ ސިޓީގެ ގަން އިންޓަނެޝަނަލް އެއާޕޯޓް އޮންނަ ގަމުގެ އެއްވެސް ސަރަހައްދަކަށް ޕިކްނިކް ގޮސް އަދި މަސް ބާނަން ވަނުމަކީ މަނާ ކަމެއް ކަމަށާއި، އެފަދަ ބޭނުންތަކަށް ގަމަށްދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައްޑޫ އިންޓަނެޝަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ދީފިއެވެ.

އެ ކުންފުނިން މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ނެރެފައިވާ އިއުލާނަކާއި ހަވާލާދީ އާދިއްތަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޮވެމްބަރު 05، 2014 ވަނަ ދުވަހު އާއްމު ކޮށްފައިވާ އިއުލާނުގައި ގަމަށް ޕިކްނިކް  ދަތުރު ދިއުމާއި މަސްބޭނުމަށް ވަދެ އުޅުމަކީ މަނާ ކަމެއް ކަމަށް އަންގާފައި ވީނަމަވެސް އެއިއުލާނާއި ހިލާފަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާކަން ފާހަގަ ކުރެވޭތީ އެކަމަކީ މަނާ ކަމެއް ކަމަށް އަންގާ ކަމަށެވެ.

"އަދި ދޫނީގެ ގިނަ ބާވަތްތަކަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ހުރި ނުރައްކަލަކަށްވެފައި، ގަމަކީ ބައިނަލްއަގްވާމީ އެއާޕޯޓެއް ހިންގާ ތަނަކަށް ވާތީ އެއާޕޯޓްގައި އަމަލު ކުރަން ލާޒިމް ކުރާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވަދައިދުތައް ހެދިފައި ހުރުމާ އެކު އޮޅުކޮށްގެން ދޫނި ގެންގުޅުމަކީ ވެސް އެއާޕޯޓްގެ ސަލާމަތީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ވާތީ ގަމުގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބާވަތެއްގެ ދޫނި އާލާ ކުރުމާއި އޮޅުކޮށްގެން ގެންގުޅުމަކީ މަނާ ކަމެއް ކަމުގައި އަންގައި އިއުލާން ކުރީމެވެ،" އޭއައިއޭ އިން ނެރުނު ބަޔާނުގައި އިތުރަށް ބުންޏެވެ.

އެ ކުންފުނިން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ސެޕްޓެމްބަރު 10، 2017 ވަނަ ފެށިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް