ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި އެދިއްޖެ އެވެ.
ގާސިމް މި ވަގުތު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރުގަ އެވެ. ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ހުއްދަ ދީފައިވަނީ 10 ދުވަހަަށެވެ.
ސިންގަޕޫރުން ގާސިމް ބެއްލެވި ޑޮކްޓަރުންނާ ހަވާލާދެއްވާ އާއިލާއިން ބުނެފައިވަނީ ބޭސްފަރުވާއަށް ތިން މަސްދުވަހު ސިންގަަޕޫރުގައި މަޑުކުރައްވަން ޖެހޭ ކަމަށެވެ.
ގާސިމްގެ އާއިލާގެ ފަރާތުން ގާސިމްގެ ފިރިހެން ދަރިފުޅު ޔަގްޝަން ގާސިމް ކެރެކްޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާގެ ބައްޕަ ގާސިމް އިބްރާހީމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށް ކަމަށްވެސް ސިޓީގައިވެ އެވެ. އެމަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލްކޮށްފައިވާ ކަންވެސް ސިޓީގައި ވަނީ ފާހަަގަކުރައްވާފަ އެވެ.
ޔަގްޝާންގެ އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ އޭނާގެ ބައްޕަގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
ވައިގެ މަގުން ދަތުރުކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައިވާތީ ބޭސަފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެ ސިޓީއާއެކު ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރއިން ދީފައިވާ ލިޔުމުގެ ކޮޕީ ވެސް ކަރެކްޝަނަށް ހުށަހަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމްގެ މައްޗަށް ކޯޓުން ހުކުމް ކުރީވެސް ގާސިމްގެ ޣައިރު ހާޒިރުގައި ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ އެ ތުހުމަތު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ގިނަ ދުވަސްތަކެއް ވަންދެ ހިފަހައްޓާފައިވާތީ ގިނަ ފަރާތްތަކެއް ކަނބޮޑުވުން ފާޅުކޮށްފައި ވެއެވެ.