އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މި އިހުތިޖާޖު ގައި 49 ދޯންޏާއެކު ފެށީ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ.
ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުން ތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ އިހުތިޖާޖު ކުރާ މަސްވެރިން ދޯނިތަކުގައި އެއް ނަންބަރު ޖެޓީ އަށް ވަނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް މާލޭގެ ފަޅަށް ނުވަދެވޭ ގޮތަށް ފުލުހުންނާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ނެރު ބަންދު ކޮށްފަ އެވެ.
އެއާއެކު އެ ދޯނިތައް ފަޅުން ބޭރުގައި މަޑުކޮށްގެން މަސްވެރިން ވަނީ ސުލްހަވެރިކަމާއެކު އަޑު އުފުލާފައިވެ އެވެ. އަދި ބުރާސްފަތި ދުވަހު ފުލުހުން ވަނީ މަސްދޯނިތަކަށް އަރައި، ވަކިވަކި މީހުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މަސްދޯނި ތަކަށް އަރަން ފެށީ އެދޯނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ހައްޔަރު ކުރުމުގެ ނަމުގަ އެވެ.
މިމައްސަލަ އާ ގުޅޭ ގޮތުން ފުލުހުން ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ބުރާސްފަތި ދުވަހު ފުލުހުން އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަސްވެރިން ބުނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަޑައިގެން މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައިދިނު އެދޭ ކަމަށެވެ. އަަދި ބުރާސްފަތި ދުވަހު މެންދުރު 12 ގެ ކުރިން މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ނުލިބޭ ކަމަށްވާނަމަ އެއް ނަންބަރު ޖެޓީ އަށް މަސްވެރިން ވަންނަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ނިންމައިފަ އެވެ.
އިހުތިޖާޖުގެ މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރެ އެވެ.
އެއީ މިފްކޯ އިން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުން އަދި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
މިކަންކަމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދިޔަ ރިޔާސީ ކެންޕޭންގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމެވެ. ނަމަވެސް މިސަރުކާރުގެ މިހާތަނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް އިހުތިޖާޖު ކުރާ މަސްވެރިން ދަނީ ބުނަމުންނެވެ.