އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލި، މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2:30 އަށެވެ. މިއަދު ބާއްވަނީ މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވީ ނަމަވެސް، މިއަދު ބާއްވަނީ އޭގެ ތެރެއިން ހަ މީހެއްގެ ޝަރީއަތެވެ.
އެގޮތުން އާދިއްތަ ދުވަހު ފަށަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި، މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.
މި ހަ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދައުވާ ކުރި ހަތް ވަނަ މީހާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދު އާއި އިސްމާއީލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން އިސްމާއީލް އަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑީ ގޮޅި ކައިރިންނެވެ.