ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 07:32
ޢަބްދުﷲ ޝާހިދު: ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޢަބްދުﷲ ޝާހިދު: ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު
ސަރުކާރާ ދެކޮޅަށް ނިކުންނެވި ލީޑަރުންގެ ފަހަތްޕުޅުގައި އަތާއަތް ގުޅާލަންޖެހޭ
އަދަލު އިންސާފު ނެތިކޮށްލައި ހައްގުތައް ނިގުޅައިގަނެފި

ބޮޑު ވަރިހަމައިގާ ނުތިބެ ވިސްނުމާއި ބުއްދި ބޭނުންކޮށްގެން މިއަނިޔާވެރިކަމުން ސަލާމަތް ވުމަށްޓަކައި ފުންމާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ނޫނެކޭ ބުނަން ކެރެން ޖެހެނީ އެކަމަކީ ރައްޔިތުންނާ ހަވާލުވެފައިވާ ގައުމީ ވާޖިބަކަށްވާތީ ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކެރިވަޑައިގެން ނިކުންނެވި ލީޑަރުންގެ ފަހަތްޕުޅުގައި އަތާއަތް ގުޅާލަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަމާއި ފަސާދައިގެ އަމަލުތައް ބޮއްސުންލައިގެން ދަންދެން ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރާ ދެކޮޅަށް ރައްދުގައި އެއްޗެއް ބުނެފިނަމަ ލިބެނީ އަނިޔާ ކަމަށާއި ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދަނީ އަނިޔާވެރިކަން ކަމަށެވެ. މިހާރު ފެންނަމުންދަނީ ސަރުކާރުން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސް އަދުލު އިންސާފު ނެތިކޮށްލާ ހައްގުތައް އިންތިހާއަށް ނިގުޅައިގެންފައިވާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމުގެ ހެއްކަކީ ގައުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ދަމާކޫއްތާފައި ގެންގޮސް ފަޓާސް ބަރިއެއް ހެން ތަހުގީގުކޮށް ޖަލަށްލުން" ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާލާސްކަންފުޅާ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ވެސް އަނިޔާވެރިކަން ހާމަވާ ސަބަބެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ޖަލުގައި ދެމުންދާ އަނިޔާތަކުންވެސް މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ މިންވަރު އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ފާރިސް ޖަލަށްލާފައިވަނީ ނުފަށާ ޝަރީޢަތެއް ނިމެންދެން ކަމަށާއި ފާރިސް ޖަލުގައި ހުންނަވާތާ 54 ދުވަސްވެފައިވާ ކަމަށެވެ. އަދި މިއީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލާފައިވަނީ ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ހުކުމެއް ކޮށްގެން ކަމަށާއި އެހެންނަމަވެސް އެފިސްތޯލައިންވެސް އެމަނިކުފާނުގެ ޑީއެންއޭ ނުފެންނަ ވާހަކަ އަޑުއިވޭ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ ފަޅި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށާއި އެހެންކަމުން ހައްގަށް ނަސްރު ލިބެން ކައިރިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ސަފުތައް ދަނީ އިތުރަށް ބަދަހިވަމުން ކަމަށާއި މިއީ ހިތްވަރާއި ސާބިތު ކަމާއެކު ދެމިތިބެންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނަން ޖެހޭނީ ﷲ އަޅުގަނޑުމެންނަށް ދެއްވި ވިސްނުމުގެ ބުއްދީގެ ބޭނުންކޮށްގެން އެއްގޯސް ނުވެ، މާޔޫސް ނުވެ، ބޮޑު ވަރިހަމައިގާ ނުތިބެ ފުންމާލަން ޖެހޭ ވަގުތު ފުންމާލަން ތައްޔާރުވުން. މުޅި ހަށިގަނޑުގެ ހަކަތަ ހުސްނުވަނީސް މި ޤައުމުގައި ފަތުރަމުންދާ އަނިޔާވެރިކަމުގެ ހިލިހިލާތަކުން ސަލާމަތް ވުމަށް ނޫނެކޭ ބުނަން އަޅުގަނޑުމެންނަށް ކެރެން ޖެހޭނެ. އެއީ އަޅުގަނޑުމެންނާ މިއަދު ހަވާލުވެފައިވާ ޤައުމީ ވާޖިބެއް." ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު އޭނާގެ ދައުރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ގޮންޑިތަކެއް ގެއްލުނުކަން ފާހަގަ ކުރައްވައި ވިދާޅުވީ އޭރުވެސް މެންބަރެއްގެ ގޮނޑި ގެއްލުނަކަމަށް ކަނޑައަޅާފައިވާނީ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށާއި އިލެކްޝަންސް ކޮމިޝަނަކަށް އެކަމެއް ނުކުރެއްވެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް