ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 07:20
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ުކުނޫޒް ޖަލްސާ
ސަރުކާރުން ކުޅެމުންދަނީ ޕޮލިޓިކަލް ކޮމެޑީއެއް:ރައީސް މައުމޫން
މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ
ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ނުނިންމޭނެ
ބޭރުގެ ގިނަ އިސްވެރިން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު

ރާއްޖޭގައި މިއަދު ފެނިގެންދަނީ ޕޮލިޓިކަލް ކޮމެޑީއެއް ކުޅެމުންދާ މަންޒަރު ކަމަށާއި މީހުން ހެއްވުމަށް ޕޯޑިއަމް ތަކުގައި ޖޯކު ކިޔަން މިއަދު ނުޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްފައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގައި މިއަދު ފެނިގެންދަނީ ޕޮލިޓިކަލް ކޮމެޑީއެއް ކުޅޭ މަންޒަރުކަމަށާއި އެގޮތުން ސިޔާސީ ލީޑަރު ބަލި ހާލަތު ގޯސްވުމުން ޣައިރު ހާޒިރުގައި ހުކުމެއް އަވަސް އަރުވާލައިގެން ކޮށްފައިވާ މަންޒަރު ފެނިގެން ހިނގައްޖެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، މިއަދު ފެނިގެންދަނީ ހިތަށް އެރި ވަގުތަކު، ރޭގަނޑު ދަންވަރުވިޔަސް، ކޯޓުތައް ހުޅުވައިގެން، ހުކުމް ކުރަމުންދާ މައްޒަރުކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރެވުނު ހުކުމާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމް ނުވެސް ކުރެވޭނެ ކަމަށެވެ. އަދި ގާސިމަށް ބޭސްފަރުވާގެ ކަންކަން ކުރުމަށް ދިން 10 ދުވަހުގެ މުއްދަތައް ފާޑުވިދާޅުވެ މައުމޫން ވަނީ އެމަނިކުފާނާއި މެދު ސަރުކާރުން ރަގަޅަށް ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ބަލައިގަންނާނީ ނިހިނެތްތޯ ސުވާލު އުފައްދަވާފަ އެވެ.

ސަރުކާރުން މިއަދު ޕޮލިޓިކަލް ކޮމެޑީއެއް ކުޅޭ ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކުރި މައްސަލައަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ފާރިސް ހައްޔަރުކުރީ ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ނަމަވެސް، އޭނާގެ މައްޗަށް އެންމެ ފަހުން ކޮށްފައިވަނީ ރިޝްވަތުގައި ހިފިކަމުގެ ދައުވާ ކަމަށެވެ. އަދި މި މައްސަލަ ނިމޭ އިރު ފާރިސްގެ މައްޗަށް ރިޝްވަތު ގިރައިގެން ބޯއި ކަމަށް މައްސަލަ ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ މަޖިލީހުގައި ހަތަރު މެންބަރުންގެ ގޮނޑިއާއި މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އެކަމަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މަޖިލީހުގައި މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށައި، އެބޭފުޅުންނަށް ގޮސް އެގޮނޑީގައި ތިބެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ގޮނޑި ގެއްލުނު ކަމަށް އަމިއްލަޔަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިގެން އުޅޭ އިރު އެބޭފުޅުންނަށް ބައި އިލެކްޝަން އެއް ނުބޭއްވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓިތަކުން މަސައްކަތް ކުރައްވަނީ، ގައުމުގެ އެއްވެސް ހަމައެއް ލަމައެއްނެތް ނިޒާމު ބަދަލުކޮށް، ގާނޫނު އަސާސީއަށް ތަބާވާފަދަ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މަޖިލީހުގެ މެންބަރުންނަށް ހިތްވަރު އެލުއްވާނުވެއްލުމަށް އެދި މަޖިލީހުގެ މެންބަރުންނަށް މުހާތަބު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ، މިކަން ވަރަށް އަވަހަށް ހާސިލް ކުރެވޭނެ ކަމަށެވެ.އަދި ހުރިހާ މެންބަރުންވެސް ސާބިތުކަމާ އެކު ތިއްބެވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ވެރިކަން ކުރެއްވި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ގިނަ ރައްޓެހިން ލިބުނު ކަމަށާއި އޭގެ ތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިންވެސް ހިމެނޭ ކަމަށެވެ. އެފަރާތްތަކުންވެސް ގުޅުއްވާ އެބޭފުޅުން ދެކޭ ގޮތް ހިއްސާކުރައްވަމުންދާ އިރު އެފަދަ ފަރާތްތަކުގެ އަޑު އިވެން ދުވަސް ނަގާނެ ކަމަށެވެ.

މިއަދު ގައުމުގައި ބިރުވެރިކަމެއް އުފެދިފައިވާ އިރު ގިނަ ފަރާތްތަކަށް އެބަޔަކު ދެކޭގޮތް ހާމަކުރުމަށްވެސް ޖެހިލުންވާންޖެހުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މިއަދުގެ ހާލަތު ބަދަލުކުރުމަށް ދިމާވެފައިވާ މައްސަލައަކީ ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބިރުވެރިކަން ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ އެ ބިރުވެރިކަން ރައްޔިތުންގެ ތެރެއިން ފޮހެލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް