Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 18:58
ޑޮކްޓަރު ބުނީ ބެލުނީ ނުބައި އެކްސް ރޭ އެއް ކަމަށް
ޑޮކްޓަރު ބުނީ ބެލުނީ ނުބައި އެކްސް ރޭ އެއް ކަމަށް
ރާއްޖެއެމްވީ ގްރެފިކްސް
ސެނެހިޔާ
ކުއްޖެއްގެ އަތުގައި ރެނދެއް ލާފައިވާ ކަމަށް ބުނެ ޕްލާސްޓަރު އަޅަން އުޅުނީ އެހެން މީހެއްގެ އެކްސް ރޭ ބަލައިގެން!
ޑޮކްޓަރު ބުނީ ބެލުނީ އެހެން މީހެއްގެ އެކްސް ރޭ ކަމަށް
އެ ކުއްޖާގެ އަތުގައި ރެނދެެއް ނެތް ކަމަށާ، ކަށިގަނޑަށް އެއްވެސް ކަހަލަ އަނިޔާ އެއް ލިބިފައި ނުވާ ކަމަށް

ސެނެހިޔާ ގައި އެހެން މީހެއްގެ އެކްސް ރޭ އަށް ބަލައިގެން ކުޑަކުއްޖެއްގެ އަތުގެ ކުޑަ ހުޅުގައި ރެނދެއްލާފައިވާ ކަމަށް ބުނެ ޕްލާސްޓަރު އަޅަން އުޅުނު ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފި އެވެ.

ފާއިތުވި ހަފްތާގައި ހިނގި މި ހާދިސާގެ ވާހަކަ އެ ކުއްޖާގެ އާއިލާ އިން ވަނީ ރާއްޖެއެމްވީ އާ ހިއްސާ ކޮށްފައެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ ސްކޫލު ވަގުތުގައި އެހެން ކުދިންތަކަކާއެކު ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ކުއްޖާ ވެއްޓި، އަތަށް ތަދުވާތީ ސްކޫލުން ގުޅީ އެ ކުއްޖާގެ މަންމަ އަށް ކަމަށެވެ.

ދަރިފުޅު ގޮވައިގެން އެ މަންމަ ދިޔައީ ސެނެހިޔާ އަށް ކަމަށާ ޑޮކްޓަރަށް ދެއްކުމުން އެކްސް ރޭ ނަގަން ބުނި ކަމަށް ވެސް އެ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ. އަދި އެކްސް ރޭ ނެގުމަށް ފަހު ދެމައިން ޑޮކްޓަރާ ބައްދަލު ކުރަން ދިއުމުން އަތުގެ ކުޑަ ހުޅުގައި ރެނދެއްލާފައިވާ ކަމަށާ ޖެހޭނީ ޕްލާސްޓަރު އަޅަން ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެސް އޭނާ ކިޔަދިނެެވެ.

ކުއްޖާގެ މަންމަ އެކަމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ޕްލާސްޓަރު އަޅަން ވަގުތު ނަގާނެތީ ކުޑަ ވަގުތުކޮޅަކަށް ބޭރުގައި މަޑުކޮށްލަން ޑޮކްޓަރު އެދުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެތަނުގައި މަޑުކުރަން ޖެހި ލަސްވާތީ ކުޑަކުއްޖާ ބަނޑުހައިވެ، ކާން ބޭނުންވެގެން ކުއްޖާގެ މަންމަ ކައުންޓަރުގައި އިން މުވައްޒަފު ގާތު ބުނުމަށްފަހު ކެންޓީނަށް ދިއަ ކަމަށެވެ. އަދި ދަރިފުޅު ކާން އިންދާ ކައުންޓަރުން ގުޅައި، އައުމަށް އެދުމުން އަވަސް ކުރުމަށް ފަހު ދިއުމުން ޑޮކްޓަރު އެ ދެމައިންނާ ބައްދަލު ކޮށް މައާފަށް އެދުމަށްފަހު އަތުގައި ރެނދެއް ނެތް ކަމަށް ބުނި ކަމަށް ވެސް އޭނާ ކިޔައދިނެވެ.

އޭނޭ ކިޔައިދިން ގޮތުގައި ކަން ވީ ގޮތް ކިޔައިދީ ޑޮކްޓަރު ބުނީ ބެލުނީ އެހެން މީހެއްގެ އެކްސް ރޭ ކަމަށެވެ. އަދި އެ ކުއްޖާގެ އަތުގައި ރެނދެެއް ނެތް ކަމަށާ، ކަށިގަނޑަށް އެއްވެސް ކަހަލަ އަނިޔާ އެއް ލިބިފައި ނުވާ ކަމަށް އެ ކުއްޖާގެ އަސްލު އެކްސް ރޭ އިން ދައްކާ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

އެހެން ކަމުން ޕްލާސްޓަރު އަޅަން ބުނެވުނީ އެހެން މީހެއްގެ އެކްސް ރޭ އަށް ބަލައިގެން ކަމަން ހާމަ ކޮށް ޑޮކްޓަރު ދެވަނަ ފަހަރަށް ވެސް މައާފަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ބަނޑުހައި ވުމަކީ ވެސް ބައެއް ފަހަރު ފުރާނަ ސަލާމަތް ކޮށްދޭ ކަމެކޭ ވެސް ހިތަށް އެރި ކަމަށެވެ. ދަރިފުޅު ބަނޑުހައިނުވި ނަމަ އަތުގެ އުޅަނބޮއްޓާ ހިސާބަށް މިހާރު ހުންނާނީ ޕްލާސްޓަރު އަޅާފައި ކަމަށް ވެސް ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.

- ކޮމެންޓް