ހާލު އެހުމުން ފ. ފީއައްޔަށް އުފަން މުނީރާ ދެއްކީ ކައިރީގައި ޖައްސާފައި ހުރި މެޝިންތަކެކެވެ. އެއީ އޭނާ ދިރިހުރުމުގެ އުއްމީދެވެ. އަދި އެއީ އޭނާ މާދަމާ ވެސް މިދުނިޔޭގެ އަލިކަން ދެކޭނެކަމުގެ ހަމައެކަނި ވަސީލަތެވެ. އޮކްސިޖަން މާސްކެއް އަޅައިގެން އިނދެ އޭނާގެ ހާލަތާއި، ސަރުކާރުތަކުން އޭނާ ބާކީކޮށްލާފައިވާ މިންވަރު ކިޔައިދެމުން ދިޔަ އިރު، އޭނާގެ އަޑުން އެ އިހުސާސްތައް ބުނަމުން ދިޔައީ ވަރަށް ހިތްވަރާއެކު އެވެ.
އުމުރުން 65 އަހަރުގެ މުނީރާ ބުނީ އޭނާ އުޅެމުންދަނީ ވަރަށް ބަލި ހާލުގައި ކަމަށެވެ. ހިތުގެ އޮޕަރޭޝަނެއް ކުރުމުގެ އިތުރުން ފުއްޕާމޭ ވަނީ ހަލާކުވެފަ އެވެ. އޮކްސިޖަން މެޝިން ބޭނުންކުރާތާ 6 ވަރަކަށް އަހަރު ވެއްޖެ އެވެ. ހިތުގެ އޮޕަރޭޝަން ކުރިތީ 11 އަހަރު ވެއްޖެ އެވެ. ހިތުގެ އޮޕަރޭޝަންކޮށް 2 ހޮޅި ކޮޅު ވަނީ ލައްވާފަ އެވެ.
ދަރިން ކައިރިއަށް މާލެ ދަނީ ދެމަހުން އެއްމަހު ނުވަތަ 3 މަހުން އެއްމަހު އެވެ. މުނީރާއަށް މެދުވެރިވި ހާލަތާއެކު އޭނާގެ ނުކުޅެދުންތެރިކަން ހުރިކަން ބަޔާންކޮށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ވަނީ ލިޔުންތައް ދީފަ އެވެ. ނަމަވެސް އެ ލިޔުންތަކުގެ ބޭނުމެއް ހަގީގަތުގައި ނެތެވެ. އެ ލިޔުންތަކުން މުނީރާގެ ބަލި ހާލަތަކަށް ގެނުވި ލުއިކަމެއް ވެސް ނެތެވެ. ނެތީ ކަންކަން ކުރަން ތިބި ބައެއްގެ އެ އިހުލާސްތެރިކަމެއް ނެތުމުންނެވެ.
އަޅުގަނޑަކަށް ބޯހިޔާވަހިކަމެއް ނުލިބުނު. އެއް ދައުރެއްގައި ވެސް. ބޭސް އިހައް ލިބޭ ވަރަށް ރަނގަޅަށް. ގަވާއިދުން ބޭސް ލިބޭ. އެކަމަކު މިހާރު ދައްތަގެ މާސްކް ހަލާކުވެގެން ނުލިބިގެން އުޅޭތާ މިހާރު ކިތައް މަސް ދުވަސްތޯ މިވަނީ. ދެން ތަންތަނަށް މި ދަނީ ބޮޑު ހޭންޑްބޭގެއް އަޅުގައިގެން. އެވެސް މައްސަލަ ޖެހިގެން ހަލާކުވެފައި. އެ މެޝިނަށް ވެސް އެދިފައިވަނީ. ދައްތައަށް އެ މެޝިން ވެސް ނުލިބުނު. ނުލިބިގެން ދައްތަގެ ކުއްޖާ ހަމަ ތެޅިނީ. ވަކި ސަރުކާރެއް ނޫން. މިރަށަށް މުއިއްޒު އައި. އަހަރުން ތާއިދުކުރާ އަހަރުމެންގެ ސަރުކާރު މިއީ. ކިތައްމެއް ބަލި ހާލެއްގައި އިނަސް އަޅުގަނޑު މިއީ މި ސަރުކާރު މީހެއް.
މުނީރާ / ފ.ފީއަލި![]()
މުނީރާ ބުނީ މި ސަރުކާރުގައި ވެސް ސަލާންޖެހުން ނޫން އެހެން ކަމެއް ކުރަން ނުޖެހޭ ކަމަށެވެ. އަދި ސަލާން ޖަހައިގެން ވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި، އޮކްސިޖަން މެޝިނާއި މާސްކްގެ އެހީއަށް އެދިގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އޭނާ ބުނީ އެއްޗެއް ނުދިންތާ ޖަވާބެއް ވެސް ނުދިން ކަމަށެވެ.
އެމީހުން ފުލެޓް ދިން އިރު ވެސް އަޅުގަނޑު ކުއްޖާއަކަށް ފުލެޓެއް ނުދޭ. 15 ވަނަ އަހަރަށް މި އެޅުނީ. މޭ އަތްމައްޗަށް ލައިގެން އެމީހުންގެ ހައްގުގައި އުޅެނީ. ދައްތައަށް ވެސް އެހީއެއް ލިބެން ދައްތަ ވެސް އެދޭނެ ދޯ. ދެން އެންމެ ބޮޑު އެއްކަމަކީ މިއީދޯ. ދައްތަ ކައިގެން ބޮއިގެން ވެސް މިއުޅެނީ މިކަމުން. 24 ގަޑި އިރު މި އޮންނަނީ މެޝިން ކައިރީގައި. ނަމާދު ވެސް މިކުރަނީ މި ގުޅައިގެން. ކަނީ މި ގުޅައިގެން. ފާހާނަ ކުރަނީ މި ގުޅަައިގެން. ފެން ވެސް ވެރެނީ. މި ގުޅައިގެން ފެންވެސް ވެރެނީ. މިއިން އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނުލިބުނު.
މުނީރާ / ފ.ފީއަލި![]()
މުނީރާގެ ހާލަތު ކިޔައިދިނުމަށްފަހު އޭނާ ބުނީ ހުރިހާ ސަރުކާރަކުން ވެސް ކަންކުރަނީ އެއްގޮތަކަށް ކަމަށެވެ. މީގެ ކުރިން ކޮންމެ 6 މަހަކުން ބޭރަށް ދިޔަ ކަމަށާއި، ނަމަވެސް މިހާރު އެވަރަށް ލާރި އެއް ނުލިބޭކަމަށް އެނާ ބުންޏެވެ. އަދި ސަރުކާރުގެ އެހީއެއް ވެސް ނުލިބޭ ކަމަށާއި، އާސަންދަ ވެސް ނުލިބޭ ކަމަށެވެ.
މުނީރާ ބުނީ ރަށު ސިއްހީ މަރުކަޒަށް ވެސް އެއްޗެއް ނުލިބޭ ކަމަށާއި، އެއްޗެއް ލިބޭނީ ވެސް އެތަނަށް ވެސް އެއްޗެއް ލިބިގެން ކަމަށެވެ. އަދި މާލެ ދާން ޖެހުނަސް ދާންޖެހެނީ އަމިއްލަ އަށް ކަމަށާއި، ސިފައިންގޭގައި ދަރިއަކު އުޅޭތީ ޑޮކްޓަރަށް ވެސް ދެއްކޭ ކަމަށެވެ. އެހެން ނޫންނަމަ އެކަން ކުރެވޭނެ ގޮތެއް ވެސް މިއަދު ނޯންނާނެކަމަށް މުނީރާ ބުންޏެވެ.
ޕެންޝަން ފައިސާ ކޮޅު ލިބޭ. ދައްތަ ކާ ބޭސް ފެނުނަސް ސުބުހާނަﷲ އޭ ކިޔާނެ. ބޭސް ކޮތަޅު ދައްކާލިޔަސް ދެފައި މައްޗަށް ނަގާނެ. ރަނގަޅު އެއްޗެހި ކާންޖެހޭ. އެކަމަކު ކޯއްޗެއް ކަނީ ކިހިނެއް ކަނީ. އަތަކު ލާރިއެއް ނުހުރޭ. މަސައްކަތް ކުރިއަސް ލާރިއެއް ނުލިބޭ. 100 ރުފިޔާ ހިފައިގެން ދިޔައީމާ އެންމެ މިރުހެއް މި ލިބެނީ. މިއީ ހާލަތު ހުރި ގޮތަކީ. ކިރުވެސް ބޯންޖެހެނީ ވަކިވައްތަރެއްގެ ކިރެއް. އޭގެ ދަޅެއްގެ އަގަކީ 100 ރުފިޔާ. ކިހިނެއް ހޯދަނީ.
މުނީރާ / ފ.ފީއަލި![]()
އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ބިނާކުރި މުނީރާ މިއަދު ބަލި ހާލުހުރި ގޮތުން މެޝިނެއްގެ އެހީ ހޯދައިގެން އިންނަން ޖެހުނު ނަމަވެސް އޭނާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވާން ހިތްވަރާއެކު މަސައްކަތް ކުރި މީހެކެވެ. އެނާގެ ޒުވާން އުމުރު ފުރައިގައި އަމިއްލަ މަސައްކަތުން ގެއެއް ރާނާ ބޯހިޔާވަހިކުރާނެ ގޮތް ހެދި އެވެ.
މީގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނީރާ އަކީ ލަޑާ ނަގާ މަސް ނަގައި ފަރު ހިލައިގެން އެ ލާރިން ގެތެރޭގެ ހަރަދު ބެލެހެއްޓި މީހެކެވެ. މީގެ އިތުރުން ވެސް މުނީރާ އަކީ ފީއަލީގައި އެންމެ ގިނަ ރުއްގަހަށް އެރި އަންހެން މީހާގެ ގޮތުގައި ވެސް ފާހަގަކުރެވިފައިވާ މީހެކެވެ.
ނަމަވެސް މުނީރާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ ގޮަތަކަށެވެ.
ނުލާހިކު ބުރަކޮށް މަސައްކަތް ކޮށްކޮށް ހުއްޓާ މިކަމެއް ދިމާވީ. ދައްތަ އެޑީކޭގެ ވެންޓިލޭޓަރުގައި އޮތިން ތަންދޮރު ނޭނގި، ހަތަރެސްފައި ބަނދެފައި، ބުނި މީހުން ބުނަނީ ބަރަހަނާކޮށްފައި ހަތަރެސްފައި ބަނދެފައި ގައިމަތީގައި ފޮތިކޮޅެއް އަޅާފައި ވެންޓިލޭޓަރުގައި ކަރާއި ހުރިހާ ތަނަކަށް ހޮޅި ގުޅާފައި 15 ރޭ156 ދުވާ ވަންދެން. ދައްތަ ހޭ އެރި އިރު ދައްތަ އޮތީ ހަމަ އެމީހުން އެ ކީ ގޮތަށް. ދައްތައެކޭ މަކުނުވާ ފުރާފައި އޮތް ހާލިގަނޑަކާއި އެއްވެސް ތަފާތެއް ނެތް. އިނގިއްޔެއް ގުޑުވޭކަށް ނެތް. އެއްވެސް ކަމެއް ކުރެވޭކަށް ނެތް. 15 ދުވަސް ފަހުން ވޯޑަށް ނެރުނީ. މަހެއްހާ ދުވަސްވީ ފަހުން ގެއަށް ދޫކޮށްލީ. އެ ދޫކޮށްލީން ސުރެ ފަށައިގެން މިއުޅެނީ މިފަދަ ހާލުގައި. އެކަމަކު އެއްވެސް ސަރުކާރަކުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ނެތް.
މުނީރާ / ފ.ފީއަލި![]()
އަސަރާއެކު ވާހަކަ ދައްކަމުން މުނީރާ ބުނީ އޭނާގެ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ނަމަވެސް އެމީހުން ވެސް އެއްވެސް ނުދިން ކަމަށެވެ. މުނީރާ ބުނީ ބޯހިޔާވަހިކަމަށް އާދޭސް ކުރި ކަމަށާއި، އެގޮތުން ނުވާނަމަ މެޝިނުގެ ކަންތަކުގައި އެހީތެރިވާން އެދުނު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވި ކަމަށާއި، ސަރުކާރު ބަދަލުވެ މިހާރު އޮތް ސަރުކާރު ގައި ވެސް އާދޭސް ކޮށްކޮށް ހަލާކުވާ އިރު ވެސް އެއްވެސް ކަމެއް ނުވި ކަމަށެވެ.