ދިވެހީންގެ އެވްރެޖް އައި.ކިއު (ތޫނުފިލިކަމުގެ މިންގަނޑު) އަކީ 81.31 ކަމަށް ސާވޭ އަކުން ދައްކައިފި އެވެ. މިއީ ދުނިޔޭގެ އެވްރެޖް އައި.ކިއު ލެވެލް އަށް ވުރެ ތަންކޮޅެއް ދަށް މިންވަރެއްކަން ފާހަގަ ކުރެވެ އެވެ.
ދުނިޔޭގެ އެވްރެޖް އައި ކިއު އަކީ 86.6 ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
2025 ވަނަ އަހަރުގެ ދުނިޔޭގެ އައި.ކިއު ލިސްޓުގައި ހިމެނިފައިވާ 188 ގައުމުގެ ތެރެއިން ދިވެހީން ހިމެނެނީ 107 ވަނައިގައެވެ.
އައި ކިއު އިންޓަރނޭޝަނަލް އިން އޮންލައިން ކޮށް ހާމަ ކުރި 2025 ގެ ރިޕޯޓުގައި އެންމެ ކުރީގައި އޮތީ ސިންގަޕޫރެވެ. ސިންގަޕޫރު މީހުންގެ އެވްރެޖް އައި ކިއު އަކީ 106.6 ކަމަށް ބުނެފައިވާ އިރު ދެވަނައިގައި އޮތް ޗައިނާ ގެ އެވްރެޖް އައި ކިއު އަކީ 105.6 އެވެ. ތިން ވަނައިގައި ދެކުނު ކޮރެއާ، ހަތަރު ވަނައިގައި އުތުރު ކޮރެއާ އޮތް އިރު ފަސް ވަނައިގައި އޮތީ ޖަޕާން އެވެ.
އައި ކިޔު އިންޓަރނޭޝަނަލް އިން ބުނެފައިވަނީ، އެ ފަރާތުން ހާމަ ކުރި ނަތީޖާ އަކީ 2025 ވަނަ އަހަރުގެ ތެރޭގައި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ސްޓެންޑަޑައިޒްޑް އައި.ކިއު. ޓެސްޓުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، ރަސްމީކޮށް ބަލައިގެންފައިވާ ނަތީޖާތަކަށް ބިނާކޮށް، ގައުމުތަކުން އެވްރެޖް އައި.ކިއު. ސްކޯ ދައްކާފައިވާ މިންވަރު ކަމުގައެވެ.
2025 ވަނަ އަހަރުގެ ބައިވެރިންގެ މައުލޫމާތުން ފާހަގަ ކުރެވުނު ޓްރެންޑްތަކުން ދައްކާ ގޮތުގައި، ސަރަހައްދީ ގޮތުން ތަފާތުތަކެއް ހުރިކަން އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން، އިރުމަތީ އޭޝިއާގެ ބައިވެރިންގެ އެވްރެޖް ސްކޯ، މެދުތެރޭ އަދި ދެކުނު އެފްރިކާ އަދި ލެޓިން އެމެރިކާ ފަދަ ސަރަހައްދުތަކާ އަޅާ ބަލާއިރު މަތިކަން ފާހަގަވާ ކަމަށް ބުނެފައި ވެއެވެ.
މި ނަތީޖާ އާ ބެހޭ ގޮތުން ރާއްޖޭގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަަސަން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ އޮންލައިން އައި.ކިއު ރޭންކިންތަކަކީ ގައުމެއްގެ ހަގީގީ އިންސާނީ ވަސީލަތްތަކުގެ ގާބިލުކަން ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ނުވެދާނެ ކަމަށެވެ. އެއީ މި ރޭންކިންތައް ނެގިފައިވަނީ މަދު އަދަދެއްގެ ބަޔަކު ބައިވެރިވެގެން ނުކުތް ނަތީޖާ އެއް ކަމަށް ފާހަގަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
Maldivians has an average IQ of 81.31 (slightly below average IQ level) and ranks 107 out of 188 in the 2025 global IQ list. These online IQ rankings may not be representative as they’re taken by a small, self-selected group and can’t show a nation’s real human-capital strength.
— Aysha (@ysha_is) November 26, 2025
އައި ކިޔު އިންޓަރނޭޝަނަލް އިން ބުނެފައިވަނީ މި ސާވޭ ގައި ރާއްޖެ އިން ބައިވެރިވެފައިވަނީ 49 މީހުން ކަމުގައެވެ.
2025 ވަނަ އަހަރުގެ ސާވޭ ގައި ރާއްޖޭގެ ސްކޯ 81.3 ގައި ހުރި ކަމަށް ބުނެފައިވާއިރު ހުސްވި އަހަރުގެ ސްކޯ އަކީ 80.05 ކަމަށް ވެސް އެ ރިޕޯޓު ގައި ވެއެވެ.