މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، އެފަރާތްތަކަށް އެހީވުމަށް ގދ ގައްދޫގައި ހުކުރު ދުވަހު ހަވީރު ހަރަކާތެއް ބާއްވައިފިއެވެ.
ގދ ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ މުސްލިމެއްގެ ހައިސިއްޔަތުން ހުރިހާ އެންމެންވެސް މިފަދަ ކަމެއްގައި އެހީވެ އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހުކުރު ދުވަހު އެ ރަށުގައި ބޭއްވި ހަރަކާތުގައި 250 ވަރަކަށް މީހުން ބައިވެރިވެ، ލިޔުންތައް ހިފައިގެން އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށްވެސް ރައްޔާން ވިދާޅުވިއެވެ.
ރޮހިންޖާ މުސްލިމުންނަށް ފައިސާގެ އެހީވުަމަށްޓަކައި އެ ރަށު ސުކޫލް އާއި ކައުންސިލްގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ވެސް ރައްޔާން ވިދާޅުވި އެވެ. ފަންޑު ފޮށި އާދިއްތަ ދުވަހާ ހަމައަށް ބެހެއްޓިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ހަރަކާތެއްގައި ރަށުގެ ރައްޔިތުން ނިކުމެ ކައުންސިލަށް އެއްބާރުލުންދިނިތީ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައްޔާން ވިދޅާުވި އެވެ.