އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގެ އެންމެ އަޑުއެހުމެއް ވެސް ނުބާއްވާ އޮއްވާ އެއް އަހަރު ވެއްޖެއެވެ.
ދުސްތޫރީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މައްސަލަ ކޯޓަށް ބަލައިގެންފައިވަނީވެސް މައްސަލަ ހުށަހެޅިތާ ދުވަސްތަކެއް ފަހުން މި އަހަރުގެ ޖެނުއަރީ މަހުއެވެ. މި މައްސަލަ ހުށައަޅުއްވާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލުއެވެ. އެ މައްސަލަ ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުން އެއް ފަހަރު މައްސަލަ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރުމަށްފަހުވެސް ވަނީ ކެންސަލްކޮށްފައެވެ.
އެ މައްސަލަ ހުށަހެޅިއިރުވެސް އަދި އޭގެ ފަހުންވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ވަގުތީ އަމުރަކަށް އެދިފައެވެ. މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.
އަބުރުގެ ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށް އެ މައްސަލާގައި އެދިފައިވެއެވެ.
އަބުރުގެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހުއެވެ.
އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް ވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފައެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެއެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާއަށް ވަނީ ދީފައެވެ.