ރާއްޖެޓީވީން އިންތިޒާމްކޮށްގެން 'ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން' ގެ ނަމުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޓެލެތޯން އާއި ގުޅުވައިގެން އަތޮޅު ތެރޭގެ އެކި ރަށްތަކުގައި ގިނަ ހަރަކާތްތަކެއް ހިންމުން އެބަދެއެވެ.
އެގޮތުން މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، އެފަރާތްތަކަށް އެހީވުމަށް، ހުކުރު ދުވަހު ބ. ކަމަދޫގައި ވަނީ ހިނގާލުމެއް ބާއްވާފައެވެ.
ކަމަދޫ ކައުންސިލާއި، އެރަށުގެ ޔަކީސް ޖަމުޢިއްޔާއިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ހަވީރު ކަމަދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި ކަމަދޫގެ އެކި އުމުރުގެ ރައްޔިތުންނާއި، އެރަށުގައި މަސައްކަތްކުރާ ބިދޭސީންނާއި، އެ ރަށުގައި މިވަގުތު ތިބި އެހެން ރަށްތަކުގެ ރައްޔިތުންވެސް ހިމެނޭގޮތަށް 400 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ކަމަދޫގައި ކުރިއަށްދިޔަ ހިނގާލުމުގެ އިތުރުން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް އެ ރަށުގައި ވަނީ ފަންޑެއްވެސް ހުޅުވާފައެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކަމަދޫއިން އިސްނެގި ނެގުން މިސާލަކަށް ބަލައިގެން، އެހެން ރަށްތަކުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެދިލައްވާ ކަމަށެވެ.
ކަމަދޫގެ އިތުރުން ލ. ގަމުގައިވެސް ރާއްޖެޓީވީގެ ޓެލެތޯނާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު، ގަމު ކައުންސިލްގެ ރައީސް، މުޙައްމަދު ސިޔާމް ވިދާޅޫވީ، ގަމުގައި ހިންގާނެ ހަރަކާތްތައް މިހާރު ނިންމަމުންދާ ކަމަށާ، އެ ރަށުގެ ރައްޔިތުން ތިބީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި އެކު، އެފަރާތްތަކަށް ވެވެން އޮތް ހުރިހާ އެހީއެއް ވުމަށް ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މި ޓެލެތޯންގައި ބައިވެރިވުމަށް ނިންމާފައިވާއިރު، ދ. ކުޑަހުވަދޫ ކައުންސިލްގެ ނައިބުރައީސް އަލީ ސައުދު ވިދާޅުވީ، ޓެލެތޯން އާއި ގުޅުވައިގެން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ކުޑަހުވަދޫގައިވެސް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާ، އެގޮތުން އެކި ހަރަކާތްތައް މެދުވެރިކޮށް، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ފައިސާގެ އެހީވުމަށް ނިންމާފައިވާ ކަމަށެވެ.
މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 146000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ.