ޣައްޒާގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވަމުންދާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
އެކަން ހާމަކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭ ގެ ސަރުކާރުން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލާ ކަމުގައެވެ. މި ހަމަލާތަކުގެ ސަބަބުން މައުސޫމު އެތައް އާންމު ރައްޔިތުންނެއް ގެ ފުރާނަ ގެއްލިފައި ވާ އިރު، މިއީ ގާއިމުކުރެވިފައިވާ ހަނގުރާމަ ހުއްޓުމު ގެ އެއްބަސްވުމަށް ވަރަށް ބޮޑަށް ބަލިކަށިކަން ލިބޭ ގޮތަށް ހިންގާ ކަމެއް ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައި އެވެ.
އެ ބަޔާނުގައި ދިވެހިރާއްޖޭ ގެ ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްތީނު ގެ ރައްޔިތުންނަށް ވާގިވެރިވުމުގައި ކަން ފާހަގަކޮށްފައި ވެ އެވެ. އަދި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށާއި، ހަނގުރާމަ ހުއްޓުމު ގެ އެއްބަސްވުމަށް ފުރިހަމައަށް އިޚުތިރާމް ކުރުމަށް ރާއްޖެ އިން ވަނީ ގޮވާލާފަ އެވެ.
ހަމަ އެހެންމެ އެ އެއްބަސްވުމަށް މިހާރު ވެސް އިޒްރޭލުން ފުރިހަމައަށް އަމަލުކުރަމުންދާ ކަން ކަށަވަރުކުރުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލާފައިވެ އެވެ. އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ފަލަސްތީނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ކަމަކަށް ވާތީ ދިވެހިރާއްޖެ އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ރާއްޖެ އިން ވަނީ 1967 ގެ ކުރީ ގެ ބޯޑަރުތަކާ އެކު އިރުމަތީ ޤުދުސްއަކީ ފަލަސްޠީނު ގެ ވެރިރަށް ކަމަށް ކަނޑައެޅުމާއި، ފަލަސްޠީނުގެ އާއްމުންގެ އިސްތިގުލާލީ ހައްގުތަކާއި، ފަލަސްތީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ގެ ގޮތުގައި ޤާއިމް ވުމަށް ރާއްޖެ އިން ވާގިވެރިވާ ކަން ފާހަގަކޮށްފަ އެވެ.
އިޒްރޭލުންނާއި ފަލަސްތީނާއި ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމު ގެ އެއްބަސްވުމަށް ޢަމަލު ކުރަމުން ދަނިކޮށް އިޒްރޭލުން ވަނީ މި މަހު ގެ 20 ވަނަ ދުވަހު ޣައްޒާ އަށް ވަރުގަދަ ވައި ގެ ޙަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލާފައިވެ އެވެ.