ފ.ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖަލީލު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ނައިބު ރައީސް ޖަލީލު ވިދާޅުވީ ފީއަލީ ގައި އެކި ވެރިކަން ތަކުގައި އެކި ލެވަލްގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެންމެ ބާރު ސްޕީޑް ގައި ރައްޔިތުން އެދޭ ގޮތަށް އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވަނީ ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ކަމަށް އެނާ ވިދާޅުވި އެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ނުފެށި ހުރި ބައިވަރު މަޝްރޫއުތައް ފައްޓަވައި ދެއްވި. ފައްޓައިވައި ދެއްވާފައި ބައެއް މަޝްރޫއުތައް އެބަހުރި ނިންމަވާ ދެއްވާފައި. އަނެއް ބައި މަޝްރޫއު ނުނިމި ވެރިކަން ބަދަލުވީ. މިހާރު ހުރީ މަޝްރޫއުތައް ހުއްޓިފައި.
ފީއަލީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖަލީލު![]()
ސިޔާސީ ފިކުރުގައި އެރަށް ވަރަށް ބޮޑަށް ދެ ބައިވެފައިވާކަން ފާހަގަކުރައްވައި ޖަލީލު ވިދާޅުވީ އަބަދު ވެސް ކައުންސިލްގެ މެޖޯރިޓީ ލިބެނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ކައުންސިލަރުންނާއި ބައެއް ރައްޔިތުން ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސް އަޅާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށް އެކި ލެވަލްގައި މަސައްކަތްކޮށް، އެކި ގޮތްގޮތަށް ޖެއްސުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ގެއްލުން ލިބެނީ މުޅި ރަށަށް ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ޖަލީލު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރަށުގެ ތަރައްގީ އަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މަސައްކަތުން މިހާތަނަށް ގެސްޓްހައުސްއެއް އަޅައި، ކުޑަކުދިންގެ ބޮޑު ޕާކެއް ތަރައްގީ ކޮށްފައިވާ ކަމަށާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން ވޮލީ ކޯޓެއް ތަރައްގީ ކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ޕްރީ ސްކޫލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލްގެ މިފަދަ މަސައްކަތްތަކަށް މިސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި، އަތޮޅުތެރޭގެ ތަރައްގީކޮށް ކުރިއަށް ގެންދަން މި ސަރުކާރުން ބޭނުންނުވާކަން އެނގޭ ކަމަށް ޖަލީލު ވިދާޅުވި އެވެ.