ނޭޝަނަލް ޑްރަގް އޭޖެންސީ ( އެންޑީއޭ)ގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުން މިހާރުވެސް 250 ހަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންގެންދާ ކަމަށް އެ އޭޖެންސީން ބުނެފި އެވެ.
ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންސިލަރ ހައްވާ ޒިމްނާ ވިދާޅުވީ އެ އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރ މެދުވެރިކޮށް 250 އަށް ވުރެ ގިނަ ފަރާތުން ފަރުވާހޯދަމުންދާ ކަމަށާއި މިއީ ކޮމިއުނިޓީއަށް ދޫކުރުމަށްފަހު ދެމުންގެންދާ ފަރުވާއެއް ކަމަށެވެ.
ޒިމްނާ ވިދާޅުވީ ކޮމިއުނިޓީ ސަރވިސްއިން ވަކިވަކިން ކުދިންނަށް ކައުންސިލިން ދިނުމާއި ތަފާތު އެކި ކަހަލަ ލައިފް ސްކިލްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށްގެންދާނެ ކަމަށެވެ.
"ކޮމިއުނިޓީ ސަރވިސް ސެންޓަރުން ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން ކުރިއަށްދާނެ. މަސްތުވާތަކެއްޗަކީ ކޮބައިކަން، މަސްތުވާތަކެތި ބޭނުންކޮށްގެން ހުއްޓާލަން ބޭނުންވާ ކުދިންނަށް ކުރިމަތިވާ އުނދަގޫތަކާއި ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދެވިގެންދާނެ. ކައުންސިލިން ސެޝަންތައް ދިނުންވެސް ކުރިއަށްދާނެ. މީގެ އިތުރުން ގްރޫޕް ކައުންސިލިން ވެސް ކުރިއަށްދާނެ. މީގެ އިތުރުން ބެލެނިވެރިންނަށް ހާއްސަކޮށްގެން ވެސް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދަން،" ޒިމްނާ ވިދާޅުވި އެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކައުންސިލަރ އަހުމަދު ހިލްމީ ވިދާޅުވީ އެ އޭޖެންސީގެ މަސައްކަތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ޖާގައިގެ ދަތިކަން ކަމަށާއި އެކަމަށް އަވަސް ހައްލުތަކެއް ލިބިއްޖެ ނަމަ، ޑްރަގް އޭޖެންސީގެ މަސައްކަތްތައް މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ހިލްމީ ވިދާޅުވީ، ފަރުވާ ހޯދުމަށް އެންމެ ގިނައިން ޑްރަގް އޭޖެންސީއަށް އަންނަ ފަރާތްތަކަކީ ޑްރަގް ކޯޓު މެދުވެރިކޮށް އަންނަ ފަރާތްތައް ކަމަށްވީ ނަމަވެސް، އަމިއްލައަށް އެދިގެންވެސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް އެމީހުންގެ ސިއްރުތަކެއް ހިފެއްހެއްޓި އެއްވެސް ކުށުގެ ރެކޯޑެއް ނެތި، މަސްތުވާތަކެތިން ސަލާމަތްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހިލްމީ ވަނީ އެ އޭޖެންސީއަށް އެންމެ ގިނަ އިން ފަރުވާ ހޯދުމަށް އަންނަނީ ހަގު އުމުރުފުރައިގެ ފުރާވަރު ކުދިންކަން ފާހަގަކޮށްފަ އެވެ.
"ހަގު އުމުރުގެ ކުދިންނަށް ޓާގެޓްކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކުން މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މިއީ ވަރަށް ނުރައްކާތެރިކަމެއް.އާންމުކޮށް ގްރޭޑް 7، 8، އަދި 9 ގައި ކިޔަވާ ކުދިންގެ މައިންބަފައިންވެސް ސަމާލުކަން ދޭންޖެހޭ އެކުދިން މުޖުތަމައުގައި އަމިއްލަ ޒިންމާތަކެއް ނަގައިގެން އުޅެންޖެހޭކަން. އަދި އެކަންކަން އެކުންދިންނަށް ވިސްނާދިނުން މުހިއްމު،" ހިލްމީ ވިދާޅުވި އެވެ.