ސައިކަލް ޕާކިން ސިސްޓަމް އިންސްޓޯލްކޮށް ނިންމައި ޓެސްޓުކޮށްފި އެވެ
ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަބީ ހީނާމާގޭގައި ގާއިމުކޮށްފައިވާ ސައިކަލް ޕާކިން ސިސްޓަމް ޓެސްޓްކުރުން ކާމިޔާބު ކަމާއެކު ކުރިއަށް ދާކަމަށެވެ.
ސައިކަލް ޕާކިން ސިސްޓަމުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މަޖީދީ މަގު ހީނާމާގޭގައި ސައިކަލް ޕާކިން ސިސްޓަމް ގާއިމުކުރުމަށް ނަގާފައިވާ ސަރަހައްދަކީ ފަނަރަ 15 ސައިކަލް ޕާކްކުރެވޭ ވަރުގެ ޖާގައެއް ކަމަށާއި ނަަމަވެސް، އަލަށް ގާއިމުކުރުވުނު ޕާކިން ސިސްޓަމްގައި 100 ސައިކަލް ޕާކުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓު އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ދެ ސައިކަލު ޕާކިން ސިސްޓަމާއި ކާރު ޕާކިން ސިސްޓަމެއް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ. ވެލާނާގޭ ކައިރީގައި ކާރު ޕާކިން ސިސްޓަމެއް ގާއިމުކޮށްފައިވާއިރު، ސައިކަލު ޕާކިން ސިސްޓަމެއް ގާއިމުކުރާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މުޅި ޖުމްލަ މާލޭގެ އެކި ސަރަހައްދުތަކުގައި 20 މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ. ކާރު ޕާކްކުރެވޭ ސިސްޓަމެއްގައި 10 ކާރު ޕާކު ކުރެވޭ އިރު ސައިކަލް ޕާކު ކުރާ މިފަދަ ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ އެވެ.