ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 00:05
އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން ބައްދަލުވުމުގައި--
އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން ބައްދަލުވުމުގައި--
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީ
މަޝްވަރާ ކުރުމުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް: އެމްޑީޕީ ގައުމީ މަޖިލިސް މެންބަރުން
ސަރުކާރުން ބޭނުންވާ ގޮތަށް މަޝްވަރާއަށް ދިއުމަށް މެމްބަރުން ބޭނުމެއް ނުވޭ
މެމްބަރުންގެ ހިޔާލުތައް ކޯލިޝަނުގެ ބައިވެރިންނާ ހިއްސާ ކުރުމަށް ވަނީ ނިންމާފަ

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

 

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށް ބޭނުންވާތީ އެމްޑީޕީއަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ  ޕާޓީން ބުރާސްފަތި ދުވަހު ބޭއްވި ގައުމީ މަޖިލީހުގައި މެމްބަރުންގެ ހިޔާލަށް ވަނީ ހުޅުވާލާފަ އެވެ.

 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ސަރުކާރުގެ ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް އިހްލާސްތެރިކަން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްވަރާގައި ބައިވެރިވުމަށް ދައުވަތުދީ ސަރުކާރުން ފޮނުވި ސިޓީއަށް ބެލުމުންނާއި އޭގައިވާ އިބާރާތްތަކުން އެއީ ސަރުކާރުން ބޭނުންވެގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށް ވެސް ފާހަގަ ކުރި އެވެ. އެހެން ކަމުން މަކަރުވެރި ކަމެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން ނޫނީ ސަރުކާރާއެކު ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ނުވާނެ ކަށް ވެސް މެމްބަރުން ފާހަގަ ކުރިއެވެ.

 

އޭގެ އިތުރުން މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނީ އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ނިންމާފައި ވާތީ އެ ނިންމުން ބަދަލު ކުރަން ނުޖެހޭނެ ކަމަށް ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

 

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލުތަކާއެކު ދޭން ފެންނަ ޖަވާބެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ. އެއްބައިވަންތަ ކަން އިސްކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ސަރުކާރުން ބުނާއިރު ސިޔާސީ ލީޑަރުން ތިބީ ޖަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

 

އަދި ޕާޓީތަކާއެކު މަޝްވަރާކުރުމުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ މަޝްވަރާއަށް ދައުވަތު ދިނުމަށް އެމްޑީޕީއަށް ފޮނުވި ސިޓީގައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ޝިފާޒު ވެސް ފާޑު ވިދާޅުވި އެވެ. އަދި މަޝްވަރާ ކުރުމުގެ އިހްލާސްތެރިކަމެއް ހުރި ނަމަ ޝަރުތަކާނުލާ ސިޔާސީ އެކި މީހުން މިނިވަން ކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

 

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރުން މަޝްވަރާ ކުރުމަށް ދައުވަތުދީފައިވާ ސިޓީގައި ދައްކާފައިވާ ވާހަކަތައް ސިފަ ކުރެވެނީ ބުއްދި ގޯސްވެފައިވާ ބަޔަކު ދައްކާ ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ. އަދި މަޝްވަރާއަށް ސަރުކާރުން ގޮވާލާފައިވަނީ ނުބައި ކޮންމެވެސް އެހެން ނިޔަތެއް އޮވެގެން ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

 

ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވެސް މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަނީ ބޭރުގެ ކޮންމެ ފަރާތަކުން ފައިސާތަކެއް ހޯދުމަށް ކަމަށާއި އިހްލާސްތެރިކަން ނެތް މަޝްވަރާގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

 

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޝްވަރާއަށް ދައުވަތު ދިނުމަށް ރައީސް އޮފީހުން ފޮނުވި ސިޓީގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިކަން ސަރުކާރަށް އަންގަން ޖެހޭ ކަމަށެް ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރުމަށް ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވެސް ވަނީ ރައީސް އަބްދުﷲ ޔާމިން ހައްޔަރު ކޮށްގެން ނޫން ގޮތަކަށް ތަހްގީގެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު  މުހައްމަދު ފަލާހް ވެސް ވިދާޅުވީ މަޝްވަރާއަށް ގޮވާލާ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ސިޓީއާ ގުޅިގެން މަޝްވަރާކޮށްގެން ލިބޭނެ ކުރިއެރުމެއް ވެސް ނެތް ކަމަށާއި ސަރުކާރުން ބޭނުންވަނީ ސިޔާސީ ހިޔާލު ތަފާތުވުން ނައްތާލަން ކަމަށެވެ.

 

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ ރައީސް އޮފީހުން ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގެ ސައްހަކަން ކަނޑައަޅަން ފުލުހުންނަށް ހުށައެޅުމަށް ގޮވާލައްވައިފައެވެ.

 

ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ގައުމީ މަޖިލީހުގެ މެންބަރުންގެ ހިޔާލާ މަޝްވަރާތައް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް