ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 19:51
ޑަބްލިއުއެޗްއޯ އިން އެވޯޑް ހަވާލު ކޮށްދެއްވަނީ --
ޑަބްލިއުއެޗްއޯ އިން އެވޯޑް ހަވާލު ކޮށްދެއްވަނީ --
ހެލްތު މިނިސްޓްރީ
ހިމަބިހި ނައްތާލުން
ހިިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑް ރާއްޖެއަށް ލިބިއްޖެ
ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާ އިޢުލާންކޮށް ފައިވަނީ 13 ޖޫން 2017 ގައި

މި ސަރަޙައްދުގައި އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް މެންބަރު ގައުމުތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް ދެކުނު އިރުމަތީ އޭޝިއާގެ 70 ވަނަ ސަރަޙައްދީ ބައްދަލުވުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުން ފާހަގަކޮށް   އެ އެވޯޑު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ދީފި އެވެ.

ދިވެހިރާއްޖެއަކީ ހިމަބިހި(މީސްލްސް) ނައްތާލާފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާ އިޢުލާންކޮށްފައި ވަނީ 13 ޖޫން 2017 ގައެވެ. މިކަން އިޢުލާން ކުރެއްވީ ނިއު ދިއްލީގައި ހިންގި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ 8 ވަނަ ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތުރަޕަލް ސިންގްއެވެ.

މި ސަރަޙައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ގަމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ބޫޓާންވެސް ހިމެނެއެވެ. އަދި މި ދެ ޤައުމަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަޙައްދުގެ ޤައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ  ޓާރގެޓްގެ ކުރިން މިކަން ޙާސިލް ކޮށްފައިވާ ފުރަތަމަ ދެޤައުމު ކަމުގައި ފަޚުރުވެރިކަމާ އެކު އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ގައިންގައިން އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ  މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް ޢާއްމުކޮށްދޭ ވެކްސިންދޭ ޢުމުރުފުރާގެ އިތުރުން އެހެން ޢުމުރު ފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގުނެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމް.އެމް.އާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ޤައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަޙައްދުން ހިމަބިހި ނައްތާލާ އަދި ރުބެއްލާ ޖެހުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ޓާރގެޓްގެ ދަށުން ބަލިއުޅޭކަން ދެނެގަތުމަށް "ޑިޒީސް ސަރވެއިލަންސް" ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗު މަހުގެ ތެރޭގައި އެމް.އާރު (މީސްލްސް،ރުބެއްލާ) ވެކްސިން ދިނުމުގެ ޚާއްޞަ ޤައުމީ ކެމްޕެއިންއެއް ވަނީ ހިންގާފައެވެ. މި ޤައުމީ ކެމްޕެއިން އިފްތިތާޙް ކޮށްދެއްވާފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަދި މި ކެމްޕެއިންގެ ނަތީޖާއާއި ކަމާބެހޭ މަޢުލޫމާތުތައް 2017 އޭޕްރީލްގައި ރީޖަނަލް ވެރިފިކޭޝަން ކޮމިޝަން އިން ބައްލަވާ ކަށަވަރު ކޮށްފައިވެއެވެ.

ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމުގައި ދެމެހެއްޓުމަށްޓަކައި މިހާރުވެސް ކުރިއަށް ގެންދާ ޤައުމީ ތާވަލާއި އެއްގޮތަށް ވެކްސިނޭޝަން މެދުނުކެޑި ކުރިއަށް ގެންދިއުމާއެކު ބަލި އުޅޭ ނޫޅޭގޮތް ހަރުދަނާ ކަމާއިއެކު ބަލަހައްޓަމުން ގެންދެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް