މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ފައިސާ ހޯދުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ބާއްވާ 24 ގަޑިއިރުގެ ޓެލެތޯންގައި ގިނަ އަދަދެއްގެ ބަޔަކު އަމަލީ ގޮތުން ބައިވެރިވާނެކަން މިހާރުވެސް އާންމު ކޮށްފައިވާ ކަމަށް ރާއްޖެޓީވީއިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ ރާއްޖެ ޓީވީން ހިންގާ ޓެލެތޯނަކީ މުޅި ދިވެހިރާއްޖޭގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި މިހަރަކާތުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ކުލަބް ޖަމްއިއްޔާތަކަށާއި ވިޔަފާރި ތަކަށާއި ކުންފުނިތައް އަދި އަމިއްލަ ރައްޔިތުންނަށް ވެސް އެފުރުސަތު އަދި ވެސް އެބައޮތް ކަމަށް ހުޝާމް ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ އެކަމަށް އެދޭ ފަރާތްތަކުން ރާއްޖެ ޓީވީގެ ނަމްބަރު 3007771 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.
މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ ފަރާތްތަކުން ޓެލެތޯންގައި ބައިވެރިވެ ހަރަކާތްތައް ހިންގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އޭގެ ތެރޭގައި ކައުންސިލްތަކާއި ވިޔަފާރި ކުންފުނިތަކާއި ކުލަބު ޖަމްއިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޓެލެތޯންގައި ބައިވެރިވާ ފަރާތްތަކުން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތަތަކުގެ ތެރޭގައި ހުޝާމް ވިދާޅުވީ ފައިސާގެ އެހީ ދިނުމާއި މުދާ ވިއްކުމަށް ފަހު އެއިން ލިބޭ އެއްޗެއްގެ ވަކި އިންސައްތައެއްގެ ފައިސާ ރާއްޖެ ޓީވީން ހުޅުވާ ފަންޑަށް ދިނުމާއި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން ހިމެނޭ ކަމަށެވެ. އަދި ޓެލެތޯނާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޓީޝާޓް ބައްލަވައިގަނެ އެފައިސާ ފަންޑަށް ދިނުމަކީ ވެސް މިޓެލެތޯންގައި ބައިވެރިވެވިދާނެ ގޮތެއް ކަމަށް ހުޝާމް ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން އެމީހުންގެ އެއްދުވަހުގެ މުސާރަ އެފަންޑަށް ދިނުމަށް ވެސް މިހާތަނަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ވެސް މި ޓެލެތޯނަށް އެހީވުމަށް ހެއްދެވިދާނެ ގޮތެއް ކަމަށް ވެސް ހުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޓެލެތޯންގައި ބައިވެރިވެފައިވާ ފަރާތްތަކުންވެސް އެފަރާތްރތަކުން ކުރާނެ ކަންކަން މިހާރު ވެސް ރާވަމުންދާ ކަމަށާއި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ވެސް އެކަންކަން ރޭވުމަށް ފަހު ރާއްޖެ ޓީވީއާ ހިއްސާކުރުމަށް އެދޭ ކަމަށް ހުޝާމް ވިދާޅުވިއެވެ.
މި ޓެލެތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30އިން ހޯމަ ދުވަހުގެ މެންދުރު ފަހު 2:30 އަށެވެ. ނަމަވެސް މިޓެލެތޯންގެ އިންތިޒާމްތަކާއި ގުޅޭ ޚާއްޞަ ކަވަރޭޖްތަކެއް މިހާރު ރާއްޖެ ޓީވީން ވަނީ ފަށާފައެވެ.