ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 16:02
ޔާމީން ރަޝީދު، މަރާލާފައި އޮތްވާ ފެނުނީ ގޭގެ ސިޑިގޮޅި ކައިރިން
ޔާމީން ރަޝީދު، މަރާލާފައި އޮތްވާ ފެނުނީ ގޭގެ ސިޑިގޮޅި ކައިރިން
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
މި މައްސަލައިގައި ޖުމްލަ ހަތް މީހަކަށް ދައުވާ ކޮށްފައިވޭ
އާދިއްތަ ދުވަހު ފަށަނީ ހަ މީހެއްގެ މައްސަލަ
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައި މި މައްސަލަ ހިމަނާފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށެވެ. އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފަށާނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.

ޔާމީން ރަޝީދުގެ މަރާލި މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހެއްގެ ދައުވާ ކޮށްފައިވީ ނަމަވެސް، އާދިއްތަ ދުވަހު ފަށަނީ ހަ މީހެއްގެ ޝަރީއަތެވެ.

އެގޮތުން އާދިއްތަ ދުވަހު ފަށަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އާއި، މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ  އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލަ އެވެ.

މި ހަ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދައުވާ ކުރި ހަތް ވަނަ މީހާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދު އާއި  އިސްމާއީލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން އިސްމާއީލް އަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑީ ގޮޅި ކައިރިންނެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް މާލޭ އެކި ސަރަހައްދުތަކުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ފުޓޭޖްތައް އެނަލައިޒްކޮށް ބަލާފައިވާ  ކަމަށެވެ.

މީގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް