ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:48
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު
މުހައްމަދު ފަޒީން
ބަރެސްދޫ
ތިން ހާސް އެނދާއެކު ބަރެސްދޫ ތަރައްގީކޮށް ވިއްކަން ހުޅުވާލަނީ
ބަރެސްދޫގައި ދެ ހޮޓަލާއި ގެސްޓް ހައުސްތަކެއް ތަރައްގީ ކުރެވޭނެ
ރެސްޓޯރަންޓްތަކާއި ސްޕާތަކާއި ޑައިވިންގ ސެންޓަރުތައް ވެސް ކުއްޔަން ދިނުމަށް ހުޅުވާލާނެ
ގެސްޓް ހައުސް އާއި ހޮޓާކަތުގައި 25 ރޫމާއި 60 ރޫމް އާއި ދެމެދު ރޫމްތައް ހުންނާނެ

ލ. އަތޮޅު ބަރެސްދޫ 3،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓްގެ މާސްޓަރ ޕްލޭން ނިމިފައިވާ ކަމަށާއި ބަރެސްދޫގައި ހަދާ ގެސްޓް ހައުސްތަކާއި ހޮޓާތައް އަދި އެހެނިހެން އައުޓްލެޓްތައް ވިއްކުމަށް ޕަބްލިކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

އެމްއައިޓީސީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު ވިދާޅުވީ ބަރެސްދޫ ތަރައްގީ ކުރެވެނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ކަމަށާއި އަދި މި ކޮންސެޕްޓަރަކީ ރާއްޖެއަށް މުޅިން އަލަށް ތަރައްގީ ކުރެވޭ ރިސޯޓް ކަމަށެވެ.

ޝާހިދު ވިދާޅުވީ ބަރެސްދޫގައި އެކި ސައިޒުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކާއި އަދި ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ބޭނުންކުރެވޭގޮތަށް ރެސްޓޯރަންޓްތަކާއި، ސްޕާރތަކާއި ބާތަކާއި އަދި ޑައިވިންގ ސެންޓަރުތައް ހުންނާނެ ކަމަށެވެ. މީގެ އިތުރުން ގޮލްފް ކޯހާއި އެކިއެކި ކުޅިވަރުތަކާއި ރެކްރިއޭޝަން ސެންޓަރުތައް ހުންނާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް 

ޝާހިދު ވިދާޅުވީ ބަރެސްދޫ މެނޭޖްކުރާނީ އެމްއައިޓީޑީސީން ކަމަށާއި ނަމަވެސް އެރަށުން ވިއްކާ ގެސްޓް ހައުސްތަކާއި ހޮޓާތަކާއި އައުޓްލެޓްސްތައް ހިންގާނީ ގަންނަ ފަރާތްތަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ބަރެސްދޫގައި ގެސްޓް ހައުސްތައް އިމާރާތް ކުރާނީ އެންމެ މައްޗަށްވެސް ހަތަރު ބުރިއަށް ކަމަށާއި 25 ރޫމުން ފެށިގެން 60 ރޫމް އެ ގެސްޓްހައުސްތަކުގައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ބަރެސްދޫގައި ތަރައްގީ ކުރާ ދެ ހޮޓަލުގައި އެންމެ ގިނަ ވެގެންވެސް ހުންނާނީ 100 ރޫމް ކަމަށާއި ނަމަވެސް ރޫމްގެ ސައިޒްތަކަށް އަންނަ ބަދަލުތަކުން ބަދަލުތައް އައުން އެކަށީގެންވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ބަރެސްދޫގައި 1000 އާއި 2000 ދެމެދުގެ އަދަދަކަށް ވަޒީފާވެސް އުފެދިގެންދާނެ ކަމަށެވެ.

ބަރެސްދޫ އިންޓަގްރޭޓަޑް ރިސޯޓްގެ ޑިޒައިނެއް 

ޝާހިދު ވިދާޅުވީ ބަރެސްދޫގައި ތަރައްގީކުރާ ދެ ހޮޓަލުން އެއް ހޮޓާ މީގެކުރިން އެރަށް އެމްއެމްޕީއާރުސީގެ ދަށުގައި އޮތްއިރު ބަޔަކު ގަނެފައިވާތީ އެމީހުން މިހާރުވެސް އެ ހޮޓާ ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ބަރެސްދޫ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި މުޅި ޕްރޮޖްކްޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ޝާހިދު ވިދާޅު ބެރެސްދޫގައި ތަރައްގީ ކުރާ ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި އެކިއެކި އައުޓްލެޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅިދާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަމަށް އާއްމުކޮށް ހުޅުވާލެވޭނެ ކަމަށެވެ.

ބަރެސްދޫ އަކީ މީގެ ކުރިން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ކަށެކެވެ. ނަމަވެސް ބަރެސްދޫގެ މުއްދަތު 2014 ވަނަ އަހަރު ހަމަވުމުން ސަރުކާރުން ވަނީ އެރަށް ނަގާފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް