Advertisement
ކ. މާލެ
|
9 ނޮވެންބަރ 2025 | އާދީއްތަ 19:11
އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ
އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ
މަޖިލިސް
2026 ބަޖެޓް
ޚަރަދު ކުޑަކުރުން ލަސްވާތީ އޮޑިޓަރޖެނެރަލްގެ ކެތްތެރިކަން ކޮޅުންލައިފި: "މިހާރު މިއީ އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
2026 ގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމުގެ ދެމެހެއްޓެނެވި ސިޔާސަތެއް ނެތުމަކީ ދަރަނި އިތުރުވަމުންދާ މައިގަނޑު ސަބަބު ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި
އަހަރަކުން އަހަރަކަށް ދައުލަތުގެ ދަރަނި ބޮޑުވާ މައިގަނޑު ސަބަބަކީ ހަރަދު ކުޑަ ނުވުން
މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަ ކުރުމަށް ކަންތައްތަކެއް ހިމަނާފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި

މިހާރު ދައުލަތުގެ ޚަރަދު ކުޑަ ނުކޮށްފި ނަމަ ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ނުބެލެހެއްޓޭނެ ކަމަށާއި ޚަރަދު ކުޑަކުރުން ލަސްކުރަމުން ގޮސް އިބިލީހުގެ ކައިވެންޏަށް އެކަން ވެފައިވާ ކަަމަށް އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އާދިއްތަ ދުވަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ނިޔާޒީ ވަނީ ބަޖެޓުގައި ޚަރަދު ކުޑަކުރުމުގެ ވާހަކަ އެހެން އަހަރުތަކުގައި ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަ ކުރުމަށް ކަންތައްތަކެއް ހިމަނާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޚަރަދު ކުޑަ ކުރުމަށް ދެމެހެއްޓެނެވި ސިޔާސަތެއް ވެސް ނެތް ކަން ފާހަގަ ކުރައްވާ އެކަމުގެ ކަންބޮޑުވުން ނިޔާޒީ ވަނީ ފާޅުކުރައްވާފަ އެވެ. އޭނާ ވަނީ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ދިގު ދަންމާ ލެވޭނީ ކިހާ ދުވަހަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. އެކަމުގެ ނޭދެވޭ ނަތީޖާ އާއި ފަހުން ކުތިމަތިލާން ޖެހޭނެކަން އެނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ދަރަނި އިތުރު ވަނީ ޚަރަދު ކުޑަ ނުކޮށްގެން، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ސަސްޓެއިނެބްލް އެއް ނޫން. ދަމުން ދަމުން ގޮސް ކިހާ ހިސާބަކަށްތޯ ލަސް ކުރެވޭނީ. ޚަރަދު ކުޑަކުރުމުގެ ކަންކަން މިހިރީ އިބިލީހުގެ ކައިވެންޏަށް ވާގޮތަށް ވެފައި. އެއް ގޮތަކުން ރަނގަޅު ނުކުރާނެ ކަމެއްގެ ވާހަކަ ޖަހާނެ ވެސް ކަމެއް ނެތް." އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އަހަރަކުން އަހަރަކަށް ދައުލަތުގެ ދަރަނި ބޮޑުވާ މައިގަނޑު ސަބަބަކީ ހަރަދު ކުޑަ ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޚަރަދު ކުޑަކުރުމަކީ ބަޖެޓުގައި ހިމެނިޔަސް ތަންފީޒު ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ނިޔާޒީ ވަނީ ބަޖެޓް ދިރާސާކުރާ އިރު ޚަރަދު ކުޑަ ކުރެވޭނެ ގޮތެއް ހިމެނުމަށް ލަފާދެއްވާފަ އެވެ.

- ކޮމެންޓް