ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 13:35
އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އެއްވުމުގައި (ވ-ކ) މިރާ ނައިރް، ޒޮހްރާން މަމްދާނީ ރާމާ ދުވާޖީ އަދި މަހްމޫދު މަމްދާނީ
އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އެއްވުމުގައި (ވ-ކ) މިރާ ނައިރް، ޒޮހްރާން މަމްދާނީ ރާމާ ދުވާޖީ އަދި މަހްމޫދު މަމްދާނީ
ގެޓީއިމޭޖަސް
ޒޮހްރާން މަމްދާނީ
ނިއު ޔޯކުގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީ އަކީ ކާކު؟
ޒޮހްރާން މަމްދާނީ އަކީ އުމުރުން އެންމެ 34 ގައި ނިއު ޔޯކް ސިޓީގެ ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ މޭޔަރު ކަމަށް އިންތިޚާބުވި ފަރާތެވެ.

ޒޮހްރާން މަމްދާނީ އަކީ އަންގާރަ ދުވަހު ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ ރޭސް ކާމިޔާބު ކުރި ފަރާތެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި ސިޔާސަތުތައް ޕްރޮމޯޓު ކުރި މަމްދާނީ ރޭސް ކާމިޔާބު ކުރީ ކުރިން އެ ސިޓީގެ ގަވަރުނަރުކަން ކޮށްފައިވާ އެންޑްރޫ ކުއޯމޯ ބަލިކޮށްގެންނެވެ. އޭގެ ކުރިން މަމްދާނީ ވަނީ ޖޫން މަހު ބޭއްވުނު ޑިމޮކްރެޓިކް ޕްރައިމަރީ ގައި ވެސް ކުއޯމޯ ބަލި ކޮށްފައެވެ. އެއާއެކު ރޭހުގައި ކުއޯމޯ މަމްދާނީ އާ ވާދަ ކުރީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އުމުރުން 34 އަހަރުގެ މަމްދާނީ އަކީ މި މަޤާމަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ ފަރާތެވެ. އޭނާ އިންތިޚާބު ވީ އިރު އެއީ އެމެރިކާގެ އެންމެ ބޮޑު ސިޓީ ހިންގުމަށް މި ފާއިތުވި ސަތޭކަ އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ހޮވުނު އުމުރުން އެންމެ ހަގު މޭޔަރު ވެސް މެއެވެ.

ޔުގަންޑާގެ ކަމްޕާލާ ގައި އުފަންވި މަމްދާނީ ނިއު ޔޯކަށް ޢާއިލާ އާ އެކު ބަދަލުވީ އޭނާގެ އުމުރުން 7 އަހަރުގަ އެވެ. އޭނާ ތައުލީމު ހާސިލު ކުރީ ބްރޮންކްސް ހައި ސްކޫލް އޮފް ސައިންސް ގައެވެ. އޭގެ ފަހުން ބައުޑޮއިން ކޮލެޖުން އެފްރިކާނާ ސްޓަޑީޒް އިން ޑިގްރީ އެއް ހާސިލު ކުރިއެވެ. އެތަނުގައި އޭނާ ވަނީ ކެމްޕަސްގެ ސްޓޫޑެންޓްސް ފޯ ޖަސްޓިސް އިން ޕެލެސްޓައިން ޗެޕްޓަރު އުފެއްދުމުގައި ބައިވެރިވެފައެވެ.

ނިއު ޔޯކު ސިޓީގެ ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ މޭޔަރު ކަމުގައި އިންތިޚާބުވި މަމްދާނީ ގެ ކެމްޕޭނުގައި އޭނާގެ އާއިލީ ގޮތުން ގުޅިފައިވާ ސަގާފަތާއި އާދަކާތައް ހިފެހެއްޓުމަށް މަސައްކަތް ކޮށްފައިވެއެވެ. ނިއުޔޯކް ސިޓީ އަކީ ތަފާތު ދީން ތަކާއި، ހިޖުރަކުރި މީހުންނާއި ތަފާތު ސަގާފަތްތަކުގެ މައްޗަށް އެކުލެވިފައިވާ މުޖުތައުއެކެވެ. އޭނާގެ ކެމްޕޭންގެ އެއް ވީޑިއޯ ގައި މުޅިން އުރުދޫ ބަސް ބޭނުން ކޮށް، ބޮލީވުޑް ފިލްމުތަކުގެ ކްލިޕްތައް ބޭނުން ކޮށްފައިވެއެވެ. އަނެއް ވީޑިއޯއެއް ގައި އޭނާ ސްޕެނިޝް ބަހުން ވާހަކަދައްކައެވެ.

މަމްދާނީ ކައިވެނީގެ ގޮތުން ގުޅިފައިވާ އުމުރުން، 27 އަހަރުގެ ބްރުކްލިން ގައި ދިރިއުޅޭ ސީރިއާގެ ކުރެހުންތެރިޔާ ރާމާ ދުވައިޖީ އާ ބައްދަލުވީ ހިންޖް ޑޭޓިންގ އެޕް މެދުވެރިކޮށެވެ.

އޭނާގެ މަންމަ، މީރާ ނައިރު، އަކީ އިންޑިއާގެ ދަރިފަސްކޮޅަށް ނިސްބަތްވާ މަޝްހޫރު ފިލްމު ޑައިރެކްޓަރެކެވެ. އަދި ބައްޕަ ޕްރޮފެސަރ މަޙްމޫދު މަމްދާނީ އަކީ ކޮލަމްބިއާ ޔުނިވަރސިޓީ ގެ ލެކްޗަރަރ އެކެވެ. މަމްދާނީގެ މައިންބަފައިންނަކީ ހާވަޑް ޔުނިވަރސިޓީގެ މުސްކުޅި ދަރިވަރުންނެވެ.

ސިޔާސީ މައިދާނަށް ނިކުތުމުގެ ކުރިން، މަމްދާނީ މަސައްކަތް ކުރީ ހައުސިންގ ކައުންސެލަރެއްގެ ގޮތުގައެވެ. ކުއީންސް ގެ ފަގީރު އާއިލާތައް ކުލި ނުދައްކައިގެން ދިރިއުޅޭ ތަންތަނުން ބޭރު ކުރުމާ ދެކޮޅަށް އެމީހުންގެ ހައްގުތައް ހޯދުމުގައި މަމްދާނީ މަސައްކަތް ކުރިއެވެ.

ޔަހޫދީ ބޮޑު އާބާދީ އެއް އޮންނަ ނިއު ޔޯކުގައި ކުރިއަށް ދިޔަ ވަރުގަދަ ކެމްޕޭނުގައި މަމްދާނީ އަކީ މުސްލިމެއް ކަން ވަރަށް ބޮޑަށް ހާމަ ކުރަމުން ގެންދިޔައެވެ. އަދި ކެމްޕޭނު ތެރޭގައި މިސްކިތްތަކަށް ގަވާއިދުން ޒިޔާރަތްކޮށްފައި ވެއެވެ.

- ކޮމެންޓް