ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 00:35
ޤާސިމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޑުކޮށްލައިގެން
ޤާސިމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޑުކޮށްލައިގެން
މުހައްމަދު ޝަރުހާން
ޤާސިމްގެ ބަލިހާލު
ގާސިމް ސިންގަޕޫރަށް ފުރައިވަޑައިގެންފި، ބޭސްފަރުވާ އަށް 10 ދުވަސް
ރާއްޖޭން ބޭރަށް ގާސިމް ފޮނުވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ދެ ހަފުތާއަށް ހިފެހެއްޓި
ގާސިމް ބަންދުކުރީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ފަހު
ގާސިމަށް ހުކުމްކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް

ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމަށް ފަރުވާ ދެމުންދަނީ ހިތުގެ ބައްޔަކަށް ކަމަށްވެއެވެ.

ގާސިމްގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވި ގޮތުގައި ދެ ހަފުތާގައި އައިޖީއެމްއެޗްގައި ފަރުވާ ދެއްވުމަށް ފަހު، ރާއްޖޭން ބޭރަށް ގާސިމް ގެންދެވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދިނީ ބުދަ ދުވަހުގެ ރޭ ފަހުގެ ވަގުތެއްގަ އެވެ.

ގާސިމް ސިންގަޕޫރުން ބޭސްފަރުވާ ކުރުމަށް ހުއްދަ ދީފައި ވަނީ އެންމެ 10 ދުވަސް ކަމަށެވެ. އެ މުއްދަތު ހަމަވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހޭނެ އެވެ.

މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހްމަތު ގާސިމްގެ މައްޗަށް އުފުލީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ގާސިމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މި ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ.

ގާސިމް ބޭސްފަރުވާ އަށް ފޮނުވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ދެ ހަފުތާއަށް ހިފެހެއްޓި އެވެ.

ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ، ރާއްޖޭން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:54
ހައްވަ
ހާދަ ދިގު މުއްދަތެކޭދޯ ތިޔަ ދިނީ