ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދީފި އެވެ.
މިކަން ކަރެކްޝަނުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ގާސިމް ވަޑައިގަންނަވަނީ ސިންގަޕޫރަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމްގެ މައްޗަށް ކޯޓުން ހުކުމް ކުރީވެސް ގާސިމްގެ ޣައިރު ހާޒިރުގައި ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމަށް ފަރުވާ ދެމުންދަނީ ހިތުގެ ބައްޔަކަށް ކަމަށްވެއެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ އެ ތުހުމަތު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ.
ގާސިމް ބޭސްފަރުވާ އަށް ފޮނުވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ހިފަހައްޓާފައިވެ އެވެ.
ގާސިމް އައިޖީއެމްއެޗްގައި އޮންނަވަނިކޮށް، ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ގާސިމާ ބައްދަލުކުރައްވާފައިވާ އިރު މި ބައްދަލުވުމުގައި ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ވެސް އަޒްލީނާ ބައްދަލުކައްވާފައިވެ އެވެ.
އެ ބައްދަލުވުންތަކަށް ފަހު، ވަރަށް އަވަހަށް ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމުގެ ހުއްދަ ދޭނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ. އަދި އެއަށް ފަހު ގާސިމްގެ ސިއްޚީ ހާލުކޮޅަށް ބަލައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަނުން ނިންމި އެވެ.
ގާސިމް މިރޭ ބޭރަށް ވަޑައިގަންނަވާއިރު އޭނާ ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ހުށަހަޅައިފަ އެވެ.