ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 18:36
އިބްރާހިމް ދީދީ
އިބްރާހިމް ދީދީ
އަޒުމޫން އަހުމަދު
ޖެނެރަލް ދީދީގެ ޝަރީޢަތް
ޖެނެރަލް ދީދީގެ ޝަރީޢަތް: ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕީޖީ ހާޒިރު ކުރަން އެދެފި
ޖިނާއީ މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމުމަށް ފަހު އަލުން ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައި
ދައުވާ ނުކުރަން ނިންމިކަން އެންގީ ޕީޖީ އޮފީހުގެ ބިއުރޯގެ ފަރާތުން
މައްސަލަ އަނބުރާ ގެންދިޔައީ މުރާޖާ ކުރުމަށް އަލުން ދައުވާ ކުރުމުގެ ބާރު ޕީޖީ އަށް ލިބިގެންވޭ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ  މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން އާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދިނުމަށް ދީދީގެ ފަރާތުން ކޯޓުގައި އެދިއްޖެއެވެ. 

ބުދަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދީދީގެ ވަކީލް ވިދާޅުވީ ކުރީގެ ޕީޖީ މުހުތާޒްއާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދެއްވުމަށް އެދުނީ ޖެނެރަލް ދީދީގެ މައްޗަށް ކުރިން  ކުރި ޓެރެރިޒަމްގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކޮށްދިނުމުގެ ގޮތުން ކަމަށެވެ. 

މުހުތާޒުގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލުން ކަމަށްވާ އަބްދުﷲ ރާބިއު އާއި އައިޝަތު ފަޒުނާ އަހުމަދު އާއި ނާފިޒާ އަލީގެ އިތުރުން އަހުމަދު ތައުފީގު ކޯޓުގެ އަޑުއެހުމަށް ހާޒިރުކޮށްދެއްވުމަށް ދީދީގެ ވަކީލް ވަނީ އެދިލައްވައިފައެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ  އިބްރާހިމް ދީދީގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އަނބުރާ ގެންދިޔުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ވަނީ މައްސަލަ އަލުން މުރާޖާ ކުރުމަށް އަނބުރާ ގެންދާ ވާހަކަ ކަމަށެވެ. އަދި އިބްރާހިމް ދީދީ އަށް ޕީޖީ އޮފީހުން ސިޓީ ފޮނުވީ މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު  އެ ސިޓީގައިވާ ކަންކަން މުރާޖާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުވާ ކުރި މައްސަލަ އެއް އަނބުރާ ގެންދިއުމަށް ފަހު އެ މައްސަލަ އެއް އަލުން މުރާޖާ ކުރުމަށް ފަހު އެ މައްސަލަ އެއްގައި ދައުވާ ކުރުމަކީ ޕީޖީ އަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބާރެއް ކަމަށެވެ. 

ނަމަވެސް ދީދީގެ ވަކީލް ވީވިދާޅުވީ ކުރިން އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އަނބުރާ ގެންދިޔައީ ދައުވާ ނުކުރަން ނިންމުމަށް ފަހު ކަމަށް ޕީޖީ އޮފީހުން އިބްރާހިމް ދީދީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެ އެންގުން އެންގީ ޕީޖީގެ ބިއުރޯ އިން އޭރުގެ ޑިރެކްޓަރު މުހައްމަދު އިޔާޒު ކަމަށްވާތީ އޭނާ ވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް ދީދީގެ ވަކީލް ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. 

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަށް ފަހު އެ މައްސަލަ އެއް އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމައިފިނަމަ ދެން އެ މައްސަލައެއްގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. ހަމަ އެހެންމެ ވިލިނގިލީ ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް އަލުން ދައުވާކޮށް ޝަރިއަތް ހިންގާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާކަން ވެސް އިބްރާހިމް ދީދީގެ ފަރާތުން ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނިކޮށް، ދެވަނަ ފަހަރަށް ދައުވާ ކުރުމުން ކަމަށެވެ. އެއީ މި މައްސަލާގައި ކަން ހިނގިގޮތާ ޚިލާފު ކަމެއް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

އަޑުއެހުމުގައި ކުރިއަށް ދިޔައީ ޝަރީއަތް ފެށުމުގެ ކުރިން އިބްރާހިމް ދީދީގެ ފަރާތުން ހުށަހެޅި ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ. ނަމަވެސް ހުށަހެޅި ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލީގޮތެއްގައި ވާހަކަދައްކަން ބޭނުންވާ ކަމަށް އިބްރާހިމް ދީދީގެ ވަކީލު ވިދާޅުވެފައިވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވަން ގާޒީ އަލީ އާދަމް ނިންމެވިއެވެ.

އެގޮތުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް