ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 16:47
ރޮހިންޖާ މުސްލިމުން ތަކެއް ހިޖުރަ ކުރަނީ
ރޮހިންޖާ މުސްލިމުން ތަކެއް ހިޖުރަ ކުރަނީ
އޭޕީ
ދިވެހި ރެޑް ކްރޮސެންޓް
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި
މި ފަންޑު ހުޅުވާލާފައިވަނީ ބުދަދުވަހުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް

މިޔަންމާގެ  ރަޚައިން ސްޓޭޓުން ބަނގްލަދޭޝްއަށް ހިޖުރަ ކުރަމުންދާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ)އިން ނެރެފައިވާ އިމަރޖެންސީ އެހީގެ އިލްތިމާސަށް އިޖާބަދީ އެހީއަށް ހުޅުވާލުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ޤާއިމް ކުރުމަށް ނިންމައިފިއެވެ.

މި ފަންޑު ހުޅުވާލާފައި ވަނީ ބުދަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ މި އެހީގެ އިލްތިމާސްގެ މަޤްސަދަކީ މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކއި ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝްއަށް ޖަމާވާ އެތައްހާސް މީހުންނަށް ވީހާވެސް އަވަސްގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ. މިއިލްތިމާސް މެދުވެރިކޮށް ލިބޭ އެހީ ބޭނުން ކުރެވޭނީ ރަޚައިން ސްޓޭޓްގެ މުސްލިމް ރެފިއުޖީންނަށް މަދަދު ދިނުމަށް ބަނގްލަދޭޝްގެ ރެޑް ކްރެސެންޓް ޖަމާޢަތުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތި، ފެން، ސެނިޓޭޝަން އަދި އާއްމު ސާފުތާހިރުކަން ރަނގަޅު ކުރުން ، ސިއްޙީ އެހީ، ހިޔާވަހިކަން ލިއްބައިދިނުމާއި އާއިލީގުޅުން ބަދަހިކުރުމުގެ އިތުރުން ކާރިސީ ހިރާސް ކުޑަކުރުން ފަދަ ދާއިރާތައް ހިމެނޭކަމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

ދާދިފަހުން ރަހައިން ސްޓޭޓުގައި ހަމަނުޖެހުންތައް އިތުރުވެ އިންސާނީ ޙާލަތު އިތުރަށް ނުރައްކާތެރިވުމުގެ ސަބަބުން އެތައް ބަޔަކު ދަނީ އެރަށް ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބަނގްލަދޭޝްގައި އެހީއަށް ބޭނުންވެ ޙާލުގައި ޖެހިފައިވާ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. ވުމާއެކު މިޙާލަތަށް ރިއާޔަތްކޮށް އައިއެފްއާރސީން ވަނީ އެޖަމާޢަތުގެ އިމަޖެންސީ އެހީގެ އިލްތިމާސް މުރާޖައާކޮށް 18 މަސްދުވަހުގެ ތެރޭގައި 25000 މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައެވެ.

އެ ރެޑް ކްރެސެންޓުން ބުނީ މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރަޚައިން ސްޓޭޓުގެ މުސްލިމް އާބާދީތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަދައިން އެ ރެޑް ކްރެސެންޓްއިން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް