އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން އިންތިޒާމް ކޮށްގެން މިއަަހަރު ބާއްވާ އެސެމްބްލީގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބައިވެރިވެއްޖެ އެވެ.
މި އެސެމްބްލީގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު އަބްދުއްރަހީމް އާއި ޑިރެކްޓަރ އަބްދުއްރަހްމާން ސަލާހު ރަޝީދު ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އީސީން ބުނީ، ވޯޓް ގުނުމާއި، ވޯޓިންގ ނިޒާމުތައް، އަދި އިންތިހާބުތަކުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި ގުޅޭގޮތުން މި އެސެމްބަލީގައި ބައިވެރިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެކި ގައުމުތަކުން އިންތިހާބުތަކުގައި އަމަލުކުރާ ގޮތް ހިއްސާކޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ވެސް އީސީން ބުނެއެވެ.
މިއެސެމްބްލީ ކުރިއަށް ގޮސްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް، ރޯމޭނިއާގަ އެވެ. މިއީ އޭ-ވެބްގެ ތިން ވަނަ އެސެމްބްލީ އެވެ.
އޭ- ވެބްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތައް ތަމްސީލުކުރާ ޖަމްއިއްޔާ އެކެވެ. އޭ-ވެބްގެ މި ދައުރުގެ ޗެއާރ އަކީ ޕާރމަނަންޓް އިލެކްޓޯރަލް އޮތޯރިޓީ އޮފް ރޯމޭނީއާ (ޕީއީއޭ) އެވެ. އަދި މި ދައުރުގެ ސެކްރެޓަރީ ޖެނެރަލް އާއި އެގްޒެކެޓިވް ބޯޑުގެ މަގާމަށް ވެސް އައު މެމްބަރުން ވަނީ މި އެސެމްބްލީގައި އައްޔަން ކުރެވިފަ އެވެ.
މި އެސެމްބަލީގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން 64 ގައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.