ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 13:49
ލައިފް ފެން އުފައްދާ ފެކްޓްރީ ހުންނަ ހިންމަފުށި
ލައިފް ފެން އުފައްދާ ފެކްޓްރީ ހުންނަ ހިންމަފުށި
ރާއްޖެއެމްވީ
ލައިފް ފެން ފެކްޓްރީ
ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ފުރަތަމަ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި
ދެވަނަ އަށް ހައްޔަރުކުރި މީހާގެ ބަންދަށް 12 ދުވަސް
ބިދޭސީ މީހާ މަރުވީ އޯގަސްޓް 19 ވަނަ ދުވަހު

ކ. ހިންމަފުށީ ގައި ހުންނަ ލައިފް ފެން އުފައްދާ ފެކްޓްރީގައި  ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ލައިފް ފެން އުފައްދާ ފެކްޓްރީ ގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އޯގަސްޓް 22 ވަނަ ދުވަހު ހިންމަފުށިން މީހަކު ހައްޔަރު ކޮށްފަ އެވެ. 

އެ މީހާއަކީ ފެން ޕްލާންޓުގެ މެނޭޖަރާ ގާތްގުޅުމެއް އޮންނަ މީހެއް ކަމަށާއި އަދި އޭނާ އަކީ ކުރިން ފުލުހުންގެ ވަޒީފާ ވެސް އަދާކުރި މީހެއް ކަމަށް އެ ރަށުން މައުލޫމާތު ލިބެ އެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ދެވަނަ މީހަކު ހައްޔަރުކޮށްފައިވަނީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 12 ދުވަސް ވަނީ ޖަހާފަ އެވެ. 

މުވައްޒަފަކު މަރުވި މައްސަލައާ ގުޅިގެން ލައިފް ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ އެއީ ކުއްލި މަރަކަށް ވުމުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދުނީ ކުންފުނިން ކަމަށެވެ.

އިހުސާން  ވިދާޅުވި ގޮތުގައި  އެ މީހާގެ ހަށިގަނޑު ފުރަތަމަ ގެންދެވުނީ ހިންމަފުށީ ސިއްހީ މަރުކަޒަށް ކަމަށާއި އޭގެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗާއި އޭޑީކޭއަށް ގެންގޮސް ޓެސްޓްތައް ހެދި ކަމަށެވެ. ހޮސްޕިޓާތަކާ ހަވާލާދީ އޭނާ ވިދާޅުވީ ބިދޭސީ މުވައްޒަފު މަރުވީ ހިތްހުއްޓިގެން ކަމަށެވެ.

އިހުސާން ވިދާޅުވީ އެ މީހާގެ ހަށިގަނޑުން ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް