މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަނާއި ގުޅޭ ސްޓޭޓްމަންޓެއް ވަރަށް އަވަހަށް ނެރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ބުދަ ދުވަހު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެކޮމިޝަނުން ސްޓޭޓްމަންޓެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ސްޓޭޓްމަންޓް އާއްމު ކުރެވޭނެ ވަކި ދުވަހެއް ޔަގީންކަމާއެކު ދަންނަވަން ދަތިކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމު ކުރާނީ އެ މައްސަލާގައި ދައުވާ ކުރުމަށް މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު ކަމަށް އޭސީސީން ކުރިން ބުނެފައި ވެއެވެ.
އެގޮތުން މިހާރު އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަނުގެ ބައެއް މައްސަލަތަކުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރުމަށް މިހާރުވެސް ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
އޭސީސީގެ މީޑިއާ އޮފީޝަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ނިމި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މައްސަލައިގެ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ނިމުމުން މައްސަލަ ޝަރީޢަތަށް ފޮނުވި ތަހުގީގު ރިޕޯޓް ދައުލަތުގެ އެހެން މުއައްސަސާތަކަށް ފޮނުވުމަށް ފަހު ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނެ ކަމަށެވެ.
އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓްވަރަށް އަވަހަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކި ފަރާތްތަކުން ބުނެފައި ވެއެވެ
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.