ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 06:24
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް
މިޔަންމާގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންތަކެއް
އޭޕީ
ޝެއިހް ހުސެއިން ރަޝީދު
ރޮހެންޖާ މުސްލިމުންނަށް އެހީވެ ދެއްވާ، ކިތަންމެ ކުޑަ އެހީއަކީ ވެސް ކުރެވޭ ބޮޑު ހެޔޮ އަމަލެއް:ޝެއިހް ހުސެއިން ރަޝީދު
މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު
ރާއްޖެޓީވީގެ ޓެލެތޯން އަކީ އެހީވުމަށް ރަނގަޅުމަގެއް
ރޮހެންޖާ މުސްލިމުންނަށް ދަނީ ބޮޑެތި އަނިޔާތައް ދެމުން

މިޔަންމާގައި ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާލިބެމުންދާ މުސްލިމުންނަށް ވީ ވަރަކުން އެހީތެރިވެ ދިނުމަކީ ކުރެވޭނެ ބޮޑު ހެޔޮ އަމަލެއް ކަމަށް ޝެއިހް ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ރަޝީދު ވިދާޅުވީ މިޔަންމާގެ މުސްލިމުންނަށް އެހީ ހޯދައިދިނުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޓެލެތޯނަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ ﷲގެ މަގުގައި އެންމެ ރުފިޔާއެއް ހޭދަކުރުމަކީވެސް ވަރަށް ބޮޑު ހެޔޮ އަމަލެއް ކަމަށާއި ޓެލްތޯންގައި ވީހާވެސް ގިނަ ބަޔަކު އެހީވުމަށް އެދޭ ކަމަށެވެ.

 

ހުސެއިން ރަޝީދު ވިދާޅުވީ އިސްލާމް ދީނުގައި ކޮންމެ މީހަކަށްވެސް އެހީތެރިވުމަށް ބާރުއަޅާފައިވާ ކަމަށާއި އަދި މުސްލިމުން އެކަކު އަނެއް ކަކަށް އެހީތެރިވުމަށް ވެސް އެހާމެ ބޮޑަށް ބާރު އަޅާ ކަމަށެވެ. އެކަމުގައި ދީނީ ނަޒަރަކުން ވަނީ ބައްލަވާލައްވާފަ އެވެ.

 

އިސްލާމުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެ ބައެއް ކަމަށާއި އިސްލާމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށް ކީރިތި ރަސޫލާގެ ހަތީސްގައި އައިސްފައިވާކަން ހުސެއިން ރަޝީދު ފާހަގަ ކުރެއްވި އެވެ. އެހެން ހަދީސެއްގައި އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މިސާލަކީ ބިނާއެއްގެ މިސާލު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

 

އޭގެ އިތުރުން ﷲގެ މަގުގައި ހޭދަކުރާ މީހާއަށް ހިސާބެއް ނެތް މިންވަރަށް ސަވާބާއި ދަރުމަ ދެއްވާނެކަން ﷲ ވަހީ ބަސްފުޅުން ހާމަވާ ކަމަށްވެސް ހުސެއިން ރަޝީދު ވިދާޅުވި އެވެ. އެގޮތުން ﷲގެ މަގުގައި އެއް އޮއްޓަރު ހޭދަކުރި މީހާގެ މިސާލަކީ 700 އޮއްޓަރު ހޭދަ ކުރުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

 

މީގެ އިތުރުންވެސް ﷲގެ މަގުގައި އިހްސާންތެރިކަމާއެކު ހޭދަ ކުރުމަށް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

 

މިޔަންމާގެ މައްސަލައިގައި ހުސެއިން ރަޝީދު ވިދާޅުވީ އެކަމުގައި އެޅިދާނެ ފިޔަވަޅުތައް އެބަ ހުރި ކަމަށާއި އެގޮތުން މުސްލިމް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައްވެސް މިޔަންމާއާމެދު އެޅިދާނެ ކަމަށާއި އަދި މިޔަންމާގައި އަނިޔާ ލިބެމުންދާ މުސްލިމުން ގެންދެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް