ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން މިހާރު ކުރާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ރިޝްވަތު ހިފުމުގެ ތުޙުމަތު ކަމަށާއި ފާރިސް އާއި ދެކޮޅަށް ހެކި އުފައްދާފައިވާ ކަމަށް ފާރިސްގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.
އަންގާރަ ދުވަހުގެރޭ ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުއްވުމުގެ ތުޙުމަތުގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބެހެއްޓިނަމަވެސް، ފާރިސްގެ މައްޗަށް ދައުލަތުން ތުޙުމަތު ކުރާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށާ، އެއީ ރިޝްވަތު ހިފުމުގެ ކުށް ބަޔާންކުރާ މައްދާ ކަމަށެވެ.
ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ؛ އަދި، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުން؛ އަދި، އެ މަންފާއަކީ ޤާނޫނުގައި ހުއްދަކޮށްފައިނުވާ، ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛ ނުވަތަ، ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި އޮތް އެއްޗަކަށްވުމަކީ ކުށެއް ކަމަށެވެ.
މީގެ އިތުރުން ފާރިސްގެ މައްޗަށް ތުޙުމަތުކުރާ މައްސަލައިގައި ހެކީގެ ގޮތުގައި ބޭނުންކުރާ ފޯނެއްގެ ފޮރެންސިކް އެނަލައިސިސް ރިޕޯތްގައި ހުރި ގިނަ ަމއްސަލަތަކެއްވެސް މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، ފާރިސްގެ އަތުން ހިފަހެއްޓައި، 05 ޖޫން 2017 ވަނަ ދުވަހުގެ 01:29 ގައި އެނަލައިޒް ކުރުމަށް ހުށަހަޅާފައިވާ މި ފޯނުގެ އެނަލައިސިސް ރިޕޯޓް ނިމި، 8 އޯގަސްޓް 2017 ވަނަ ދުވަހު މި ރިޕޯޓް ޝާއިޢު ކޮށްފައިވާއިރު، އެ ރިޕޯޓްގައި އެކި ފަންތިތަކުން ފުލުހުންގެ 3 ބޭފުޅަކު ސޮއިކޮށްފައިވާކަން މައުމޫން ހަމީދު ފާހަގަކުރެއްވިއެވެ.
މި ރިޕޯޓްގައިވާގޮތުން ފޯނު އެނަލައިޒް ކުރީ ސްޓޭޝަން އިންސްޕެކްޓަރ އިސްމާއިލް ޝަރީފެވެ. އަދި އެ މަސައްކަތް ބަލައި، ސޮއިކުރެއްވީ، ސްޓޭޝަން އިންސްޕެކްޓަރ އަލީ ނަޒީފެވެ. މި ރިޕޯޓްގައި އިސްކޮށް ސޮއިކުރައްވާފައިވަނީ، ޗީފް އިންސްޕެކްޓަރ އަޙުމަދު ރަޝްވާނެވެ.
މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްޗަށް ކުރާ ތުޙުމަތުގައި މި ފޮރެންސިކް އެނަލައިސިސް ރިޕޯޓް އެކި ގޮތްގޮތަށް ހެކީގެ ގޮތުގައި ބޭނުންކުރަމުންދާއިރު، ފާރިސް އާއި ދެކޮޅަށް ހެކި އުފައްދާފައިވާކަން މި ރިޕޯޓުން ހާމަވާ ކަމަށެވެ.
އެގޮތުން 5 ޖޫން 2017 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި ފޯނު އެނަލައިޒް ކުރުމަށް ހުށަހަޅާފައިވާއިރު، މި ފޯނުން 15 ޖޫން 2017 ގައި ނަގާފައިވާ ފޮޓޯ އަކާއި، 3 ޖުލައިގައި ނަގާފައިވާ ޓެކްސްޓް މެސެޖް ސްކްރީންޝޮޓްތަކެއްވެސް ފާރިސް އާއި ދެކޮޅަށް ބޭނުންކުރަމުން ދާ ކަމަށެވެ.
ފުލުހުންގެ ހަވާލުގައި އޮއްވައި ފޯނަށް އެޅި އެއްޗެހި ތަކެއް މިފަދައިން ފާރިސް އާއި ދެކޮޅަށް ބޭނުން ކުރުމަކީ ހެކި އުފެއްދުން ކަމަށް ތުޙުމަތު ކުރައްވާ މައުމޫން ވަނީ އެ ފޯނުން ފެނުނު ކަމަށްބުނާ މެސެޖުތަކުގައި "ތުޙޫމަތު ކުރަނީވެސް ފާރިސް އަކަށް ނޫން" ކަމަށެވެ. އަދި އެ ތުޙުމަތު ކުރެވޭ މީހާ އާއި މެދު ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން އެނގި ނުލައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، 17 ޖުލައިގައި ފާރިސް ހައްޔަރުކުރުމަށް އެދިފައިވަނީ ފޮރެންސިކް އެނަލައިސިސް ރިޕޯޓްގައި ހުރި މައުލޫމާތަށް ރިޢާޔަތްކޮށް ކަމަށާ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދިވެސް ހުށަހެޅީ މި މަޢުލޫމާތު ކަމަށާއި، އަދި ފާރިސް ހުށަހަޅުއްވާފައިވާ އިސްތިޢުނާފުގެ މައްސަލަތަކުގައިވެސް ދައުލަތުން އެއަށް ރިއާޔަތް ކުރަމުންދާ ކަމަށެވެ. މައުމޫން ހަމީދު ވަނީ 8 އޯގސްޓްގައި ނިމުނު ރިޕޯޓެއްގައި ހުރި މައުލޫޟާތު ތަކަށް މިފަދައިން އޭގެ ކުރިން އެކި ފަހަރުމަތިން ރިއާޔަތް ކުރީ ކިހިނެއްތޯ ސުވާލު އުފައްފަވާފައެވެ.