ބަލި މީހުންނަށް އޯގާތެރިކަމާ، ހަމްދަރުދީވުމާއި، ހިނިތުންވުމާއެކު މަރުހަބާ ކިޔަން މީހުން ހޯދަން ދަރުމަވަންތަ ހޮސްޕިޓަލުން އިއުލާނު ކޮށްފިއެވެ.
މި މަގާމަށް 40 މީހުން ހޯދަން އިއުލާނު ކޮށްފައިވާއިރު މަހު މުސާރައިގެ ގޮތުގައި 12،000ރ ކަނޑައަޅާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.
ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ސިޔާސީ މަގާމުތައް ހުއްޓުމެއް ނެތި އިތުރުވަމުން ދިއުމާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ މީހުން ނަގަމުން ގެންދާތީ ފާޑު ކިޔުން އިތުރުވެފައިވަނިކޮށް ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ، ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުންގެ ގޮތުގައި 40 މުވައްޒަފުން ބޭނުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބަލި މީހުންނާ އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގު ދެއްކުމުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމުގައެވެ.
ކުރިމަތިލާ މީހުން ގްރޭޑް 10 ގެ ފެންވަރު ހުންނަން ޖެހޭނެ ކަމަށް ބުނެ، އިއުލުނުގައިވާ ގޮތުން މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އޮކްޓޯބަރު މަހުގެ 21 ވަަނ ދުވަހުގެ 1:00 އާ ހަމައަށެވެ.
ވަޒީފާ އަށް މީހުން ހޮވުމުގައި މަގާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާ އިން ހާސިލު ކޮށްފައިވާ ތައުލީމާއި ތަމްރީނަށާއި ތަޖުރިބާ އަށް ބެލޭނެ ކަމަށް ބުނެފައިވެއެވެ.
ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރު ނަމުގައި އޮންނަ މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އޯގާތެރިކަމާއި ހަމްދަރުދީވުމާއި އަދި ހިނިތުންވުމާ އެކު ބަލި މީހުންނަށް މުއާމަލާތް ކުރުން ހިމެނެއެވެ.
މިއީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މި މަގާމަށް މީހުން ހޯދާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހުސްވި އަހަރު ޖުލައި މަހު ވެސް ވަނީ 55 މީހުން މި ވަޒީފާ އަށް ނަގާފައެވެ.