މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފް ބުރާސްފަތި ދުވަހުގެ 14:5 ހާކަންހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނަސްރު ނަމަކަށް ކިޔާ ބޯޓެއް ދިޔަވަމުން އަންނަކަމަށާއި އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށެވެ.
"މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކޯސްޓުގާޑު ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވެ އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބާ ކްރާފްޓަށް ނަގާފައި،" އެމްއެންޑީއެފް އިން ކުރި ޕޯސްޓުގައި ބުންޏެވެ.
އެހެން ނަމަވެސް މި ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ސިފައިން ނުދެއެވެ. އެކަމަކު، އަދި ބޯޓު އަޑިއަށްނުދާ ކަމަށް އޭރު އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭގެ 45 ވަރަކަކަށް މިނެޓު ފަހުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ގޮތުން ގިނަ އަދަދެއްގެ މުދަލާއި އެކު ދަތުރުކުރަމުން ދިޔަ ނަސްރު ބޯޓު މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.
އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް އަށް ގުޅާމުން ވިދާޅުވީ ބޯޓު އަދި އެއްކޮސް އަޑިއަށް ދިޔަ ކަން އެނގިފައި ނުވާކަމަށާއި އެހެން ނަމަވެސް ބޯޓުގެ ބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
"އަދި އަޅުގަނޑުމެންނަށް އެ ބޯޓު އެއްކޮށް އަޑިއަށް ދިޔަ ކަމަކަށް މައުލޫމާތު ލިބިފައެއް ނެތް. އެހެން ނަމަވެސް ބޯޓުގެ އެއްބައި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ." އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރޭގެ ވަގުތެއްގައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ވެސް ބަންޑުން ޖަހާލައިފަ އެވެ. އެ ކޮޅުވެއްޓީގައި ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން އެކަކުގެ ހަށިގަނޑު މިއަދު ވަނީ ފެނިފަ އެވެ. އެއީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދާންދޫ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރު ކުރާ މީހުން ސަމާލުކަން ދިނުމަށް އަބަދު ވެސް މެޓު އޮފީހުން އިލްތިމާސް ކުރެއެވެ.