ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 19:02
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް މުޒާހަރާ ކުރަނީ
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް މުޒާހަރާ ކުރަނީ
އޭޕީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުން ހިމާޔަތް ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފި
ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ ފަރާތެއް ލީޑަރަކަށް ހުރެ މިފަދަ ޖަރީމާ ހިންގުމަކީ ހިތާމަކުރާ ކަމެއް

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި އަނިޔާތައް ކުށްވެރިކޮށް އެކަން ހުއްޓުވައި ދިނުމަށް  އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އަންގާރަ ދުވަހު ފާސްކުރި ޤަރާރުގައި ބުނެފައި ވަނީ، މިއަދު އިސްލާމީ މުޅި އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތްދަތިކަމަކީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ޙައްޤުތައް ނަގާލައި، އެ ޤައުމުގައި ދެމުން ގެންދާ ލާއިންސާނީ ޢަމަލުތައް ކަމަށާ، މުސްލިމުން ޤަތުލުކޮށް، ގުނަވަންތައް ބުރިކޮށް، އަންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވަމުންދާ ކަމަށެވެ.

އެ ޤަރާރުގައި ބުނެފައިވަނީ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރައްވައި، ނޯބަލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ފަރާތެއް ކަމުގައިވާ އަން ސަން ސޫޗީ އެ ޤައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވައި، ރޮހިންޖާ މުސްލިމުންނާއި ދޭތެރޭ މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލުން ނިހާޔަތަށް ހިތާމަ ކުރާ ކަމެއް ކަމަށާ، އެކަން އައްޑޫސިޓީ ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ހިމެނޭ އާބާދީއެއްގައި، މިފަދަ ބޮޑު ޤަތުލު ޢާއްމެއް ހިންގައި، އެތައް ހާސް މުސްލިމުން އެކަމުގައި ނެތި ފަނާވެ ދިއުމަކީ، އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށާ، މިފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މިޔަންމާގެ ވެރިންނަށް ހަރު އަޑުން ގޮވާލާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ..

މިކަންކަން މިހެން ހިނގަމުން ދިއުމާއިއެކު، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އދ. އަށާއި ދުނިޔޭގެ އެންމެހާ ޤައުމުތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް