Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 12:52
ކެމަރޫންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އުމުރުން 92 އަހަރުގެ ޕައުލް ބިޔާ
ކެމަރޫންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އުމުރުން 92 އަހަރުގެ ޕައުލް ބިޔާ
ރޮއިޓަރސް
ކެމަރޫން
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ
މި އިންތިޚާބު މިހާރުގެ ރައީސް ކާމިޔާބު ކުރައްވާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އަންދާޒާ ކޮށްފައި.

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި އެވެ.

އާދީއްތަ ދުވަހު ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، މިއީ ޚާއްސަ އިންތިޚާބަކަށް ވާނެ އެވެ. މި އިންތިޚާބުގައި މިހާރު ކެމަރޫންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އުމުރުފުޅުން 92 އަހަރުގެ ޕައުލް ބިޔާ ވާދަ ކުރައްވަ އެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ވެރިއެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ރައީސް ބިޔާ މިހާރު ވާދަ ކުރައްވަނީ ވެރި ކަމުގެ 8 ވަނަ ދައުރަށެވެ. މި އިންތިޚާބު ބިޔާ ކާމިޔާބު ކުރައްވާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އަންދާޒާ ކޮށްފަ އެވެ.

މި އިންތިޚާބުގައި ބިޔާގެ އިތުރުން 11 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އިތުރު ދައުރެއް ހޯއްދެެވުމަށް ބިޔާ މަސައްކަތް ކުރައްވަމުން އަންނައިރު، އޭނާގެ އުމުރާއި، ޞިއްޙީ ޙާލަތަަށް ރިއާޔަތްކޮށް، އިންތިޚާބުން ވަކި ވުމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް ބިޔާ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. ކެމަރޫންގެ ރައީސް ކަން ބިޔާ ކުރައްވަމުން އަންނަތާ 41 އަހަރުވެފައިވާއިރު، ކެމަރޫންގެ ވޯޓުލެވޭ 7.8 މިލިއަން މީހުންގެ ތެރެއިން ގިނަ ބަަޔަކު ދެކޭ ގޮތުގައި އޭނާ އަކީ މިހާތަނަށް އެ ޤައުމު ދުށް އެންމެ ވަރުގަދަ ވެރިޔާ އެވެ.

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާއިރު، މި އިންތިޚާބު މި އޮންނަނީ އެ ޤައުމުގައި ސިޔާސީ ހަލަބޮލިކަމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށް ދިޔުމުގެ ހީނަރުކަން ވެސް އޮތް ދަނޑިވަޅެއްގަ އެވެ. ކެމަރޫންގެ އިދިކޮޅު ޕާޓީ ތަކުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގެ އިލެކްޝަން ކޮމިޝަން އަކީ ވެރިކަން ކުރާ ޕާޓީގެ ބާރުގެ ދަށުގައިވާ މުއައްސަސާ އެކެވެ.

މީގެ އިތުރުން ކެމަރޫންގެ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައި، އެ މަސައްކަތް ކުރެއްވި އެންމެ ވަރު ގަދަ އިދިކޮޅު ކެންޑިޑޭޓް މޮރިސް ކަމްޓޯގެ ކެންޑިޑެންސީ އެ ޤައުމުގެ ކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ.

ކެމަރޫންގެ އާބާދީގެ ތިން ބައި ކުޅަ އެއް ބައި ދިރިއުޅެމުން ދަނީ ދުވާލަކަށް ދެ ޑޮލަރަށް ވުރެ މަދުން ލިބޭ އާމްދަނީ އަކުންނެވެ. ޒުވާނުންގެ ވަޒީފާގެ ފުރުސަތު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އިޤްތިސާދީ ފުރުސަތު ތަކާއި، ސިޔާސީ ފުރުސަތު ނެތުމުގެ ސަބަބުން ޒުވާނުން އިންތިޚާބީ ނިޒާމާ މެދު ހިތްހަމަ ވެސް ނުޖެހެ އެވެ.

އިންތިޚާބުގައި ރައީސް ބިޔާ ވާދަ ކުރައްވާއިރު، އޭނާ އަކީ ވަރަށް މަދުން ނޫނީ އާންމުންގެ ތެރެއަށް ނުނިކުންނަވާ ފަރާތެވެ. އޭނާގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ކެމްޕެއިން ރެލީ ވެސް ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ރެލީގައި ބިޔާ ވިދާޅުވެފައި ވަނީ ސަލާމަތީ ކަންކަން ހަރުދަނާ ކުރައްވައި، ޒުވާނުންގެ ވަޒީފާގެ މައްސަލަ ހައްލު ކުރައްވައި އަދި މަގުތަކާއި އިޖުތިމާއީ ވަސީލަތްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ.

މި އިންތިޚާބު ގައި ވޯޓުލުމަށް ގިނަ ރައްޔިތުން ޝައުގުވެރިކަން ކުޑަކަން ފާހަގަ ކުރެވެ އެވެ. ޚާއްސަކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ސަރަހައްދު ތަކުގައި ދެކޮޅުވެރިކަން އޮތުމާއި، އުތުރުގެ ސަރަހައްދު ތަކުގައި ހަރުކަށި ފިކުރުގެ ހަމަލާ ތަކުގެ ބިރު އޮތުމުގެ ސަބަބުން ވޯޓުލުމުގެ ނިސްބަތް ދަށްވާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ
- ކޮމެންޓް