ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރި ކަމަށް ބުނެ ފުލުހުންގެ އިސްވެރިއަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ހުންނަތާ ތިން މަސް ވެފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވަނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުގެ މަސްއޫލިއްޔަތު ތަކުން އޭނާ ދުރުކޮށްފައިވަނީ ރޯދަ މަހުގެ ތެރޭގައި ގާސިމާ ބައްދަލުކުރި ކަމަށް ބުނެ އެވެ. އޭގެ ފަހުން އޭނާއާ އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދަކީ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑްގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުގެ ވެރިޔާ އެވެ.
ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑްގެ މަގާމަށް އޭނާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކޮމިޝަނަރުގެ ބިއުރޯއަށް ބަދަލުކުރުމަށް ފަހުގަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލުކުރުމުން، މީޑިއާ އޮފިޝަލް ވިދާޅުވީ ވަކިވަކި ފުލުހުންގެ މަސްއޫލިއްޔަތުތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ހަމާނުކުރާ ކަމަށެވެ. ނަމަވެސް، އަބްދުﷲ އަހުމަދު މަސްއޫލިއްޔަތުތަކުން ދުރުކުރިކަން އޮފިޝަލް ދޮގެއް ނުކުރައްވަ އެވެ.