ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 21:53
އެމްއެންޑީއެފް ނިޝާން
އެމްއެންޑީއެފް ނިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް ބަޔާން
އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް
އެމްއެންޑީއެފް އިން ބުނީ ކުރިއަށް އޮތް ތާނގައި އަސްކަރީ ތަމްރީންތައް މިޔަންމާ އަސްކަރިއްޔާ އާއެކު ހިންގުމަށް ތާވަލު ކޮށްފައިވެސް ނުވާ ކަމަށް

ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނުގައި އެމްއެންޑީއެފް އިން ބުނީ ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައި ނުވާކަމަށާއި އަދި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީންތަކެއް މިޔަންމާ އަސްކަރިއްޔާ އާއެކު ހިންގުމަށް ތާވަލު ކޮށްފައިވެސް ނުވާ ކަމަށެވެ.

ރާއްޖެއިން ވަނީ މިޔަންމާއާ އެއްކޮށް ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލުމަށް ނިންމާފައެވެ.

މިކަން ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ،  ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ނިންމާފައި ވަނީ އެގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި މިފާއިތުވެދިޔަ ދުވަސް ވަރުގައި، އެގައުމުގައި ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރަށް ހިޖުރަކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. މިފަދަ ލާއިންސާނީ އަމަލުތައް ހިންގުން ނުހުއްޓި ކުރިއަށްދާ އިރު މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް އދ އިން ވެސް މީގެ ކުރިން ފާހަގަކޮށްފައިވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.

އަދި މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާ އެހެން ގައުމުތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.

މިޔަންމާއާއިއެކު ހިންގާ ހުރިހާ ވިޔަފާރީގެ ގުޅުންތަކެއް ކަނޑާލާފައިވަނީ، އެގަމުގައި ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރާ ކަންކަމާމެދު އެގައުމުގެ ސަރުކާރުން ފިޔަވަޅުތައް  އެޅުމާ ހަމަޔަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް