ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 16:21
ހދ. ކުޅުދުއްފުށި ހޮސްޕިޓަލް: އެ ހޮސްޕިޓަލް ތަރައްގީކޮށް، ހިންގުމަށް މިހާރު ވަނީ އިންޑިއާގެ ނިމްސް އާއި ހަވާލުކޮށްފައި--
ހދ. ކުޅުދުއްފުށި ހޮސްޕިޓަލް: އެ ހޮސްޕިޓަލް ތަރައްގީކޮށް، ހިންގުމަށް މިހާރު ވަނީ އިންޑިއާގެ ނިމްސް އާއި ހަވާލުކޮށްފައި--
ރާއްޖެއެމްވީ
ކުޅުދުއްފުށި ހޮސްޕިޓަލް
ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
ހިނގަމުންދަނީ، އެސެންޝިއަލް ނިއު ބޯން ކެއާރ، އައިވީ އިންފިއުޝަން އަދި ބްލަޑް ޓްރާންސްފިއުޝަން އާއި ބެހޭ ތަމްރީންތަކެއް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން އެސެންޝިއަލް ނިއު ބޯން ކެއާރ، އައިވީ އިންފިއުޝަން އަދި ބްލަޑް ޓްރާންސްފިއުޝަން އާއި ބެހޭގޮތުން ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސައިދު އާއި ހަވާލާދީ ކުޅުދުއްފުށި އޮންލައިނުން ބުނެފައިވާގޮތުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ތިން ދުވަހުގެ މުއްދަތަށެވެ.

އެގޮތުން ކޮންމެ ދަންފަޅިއެއްގައި 30 ނަރުހުން ބައިވެރިވާނެ ކަމަށާއި، މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ހޮސްޕިޓަލް މަލްޓި ސްޕެޝިއަލިޓީ ހޮސްޕިޓަލަކަށް ބަދަލުވާއިރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ ފެންވަރު މަތި ކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށް އުސައިދު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވަނީ ކަމުގެ ތަޖުރިބާ ލިބިފައިވާ ނޫރުލް އިސްލާމިކް ކޮލެޖު އޮފް ނާރސިން އިންޑިޔާގެ ވައިސް ޕްރިންސިޕަލް ޖޯސެފިން އީވް އެވެ.

ކުރިއަށް އޮތްތަނުގައި މީގެ އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުސައިދު ވިދާޅުވި އެވެ.

މިދިއަ ޖުލައި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ ނިމްސްއާ ރަސްމީކޮށް ހަވާލު ކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގައި  ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ނިމްސް ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން އެވެ. 

އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ  ޚިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް  ޚިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ  ޚިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.

 މިނިސްޓަރު ނާޒިމްމް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ  ޚަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ ނިމްސް ހޮސްޕިޓަލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމްސް އެމްޑީ ފައިޒަލް ހާން ވިދާޅުވީ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އެ ގޮތުން އެންމެ ޒަމާނީ އައިސީޔޫ އާއި އެ ނޫން ވެސް ތަންތަން ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް