މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ލާއިންސާނީ ޖަރީމާތައް ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެކަން ހުއްޓުވުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.
Strongly condemn atrocities committed against Rohingya Muslims of Burma. International community must take steps to stop this genocide.
— Maumoon Abdul Gayoom (@maumoonagayoom) September 4, 2017
މިޔަންމާގެ މުސްލިމުނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުން ގެންދާ ޤަތުލު އާއްމުތަކާއި ދެކޮޅު ހެދުމުގެ ގޮތުން މިޔަންމާގެ ޑިމޮކްރެޓިކް ލީޑަރު އަދި އެޤައުމުގެ ވެރިކަމުގައި ހުންނެވި އަންގް ސަން ސޫކީ އަށް އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ،
ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަންގް ސަން ސޫކީ ހުރިހާކަމެއް ކުރައްވަން ޖެހޭނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ. އެގޮތުން މިޔަންމާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދެއްވުމަކީ އަންގް ސަން ސޫކީ ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު ދިވެހި ސަރުކާރުން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މިޔަންމައާއެކު ގާއިމް ކޮށްފައިވާ ވިޔަފާރީގެ ގުޅުން ކަނޑަލާފައެވެ.
މިއީ މުސްލިމުންތައް މަރައި، ގެދޮރުގައި ހުޅު ޖަހައި މުޅި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ރާއްޖެއިން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ނެގި މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ފޮރިން މިނިސްޓްރީއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާއި މިޔަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށެވެ.
މި ފަހަކަށް އައިސް މިޔަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ ރާއްޖެއިން ހިތާމަކުރާކަން ފާހަގަކޮށް، މިޔަންމާގައި ހިންގަމުންދާ ލޭ އޮހޮރުންތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ހަރުކަށި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ވެސް މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް ބަލާ ތަހުޤީގުކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ރާއްޖެއިން ބަރުމާ ނުވަތަ މިޔަންމާއާއެކު ސިޔާސީ ގުޅުން ގާއިމްކުރީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަސް އަހަރު ފަހުން، 1970 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. އެއިރުން ފެށިގެން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ދިޔައީ ހިންގަމުންނެވެ.