މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ދިވެހިން ބުދަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ އަންނަނީ ޒައީ ގްރޫޕްގެ ހަވާލުގައި ދިޔަ މީހުންނެވެ.
ސިސިލްފަރު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން މިމަހުގެ 10 ވަނަ ދުވަހު އަންނައިރު އަލް ހަރަމައިނި ގުރޫޕްގެ ހަވާލުގައިހައްޖަށް ދިޔަ މީހުން މިމަހު 11 ގައި ރާއްޖެ އަންނާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހާއި 10 ވަނަ ދުވަހާއި 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29 ވަނަ ދުވަހުއެވެ.
މިއަހަރު ރާއްޖެއިން 1300 މީހުން ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ހާހެއްހާ މީހުން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ހައްޖުވެރިން ބުދަ ދުވަހު ރާއްޖެ އަންނަން ފަށާއިރު މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ދިވެހި ދެ ހައްޖުވެރިއަކު ވަނީ ގެއްލިފައެވެ. އަދި އޭގެ ތެރެއިން އެކަަކު ފެނުނު ނަމަވެސް ދެ ވަނަ މީހާ ފެނުނު ކަމެއް މިހާތަނަށް ހައްޖަށް މީހުން ގެންދިޔަ އެއްވެސް ގުރޫޕަކުން ހާމަކޮށްފައެއް ނުވެއެވެ.