ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވާން ބޭނުންވާނަމަ ކަންކަން ވަކި ގޮތަކަށް ކުރުމަށް މަޖުބޫރު ނުކޮށް، ރާއްޖޭގެ އަތުގައި ހިފައިގެން މުއައްސަސާތައް ހަރުދަނާ ކުރުމުގައި އެހީތެރިވެ ދިނުމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު ގޮވާލައްވައިފި އެވެ.
ޗައިނާއިން ރާއްޖޭގައި ގިނަ އިންވެސްޓްމެންޓްތަކެއް ކޮށް، ދިވެހި ސަރުކާރުން ޗައިނާއާއެކު ބާއްވާ ގުޅުމުގެ ސަބަބުން އިންޑިއާ ސަރުކާރު ހިތްހަމަނުޖެހިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނަމުންދާ ދަނޑިވަޅެއްގައި، އިންޑިއާގެ "ދަ ސްޓޭޓްސްމަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާ ކަނޑުގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ރާއްޖެއިން އަބަދުވެސް ގެންގުޅެނީ "ފުރަތަމަ އިންޑިއާ ސިޔާސަތު" ކަމަށެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ވުރެ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މާބޮޑަށް ބަދަހި ކަމަަށް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ރާއްޖެއިން ހުރިހާ ގައުމުތަކާއެކު ވެސް ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށާއި ނަމަވެސް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އެހީތެރިވެދިނުމަށް އެންމެ އެކަށޭނެ ހިސާބެއްގައި ވަނީ އިންޑިއާ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ހާއްސަ ގުޅުން ބަދަހިކުރުމުގެ ފުރުސަތު މާބޮޑަށް ތަނަވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާއާ ދެކޮޅު ޝިއާރުތައް ފެތުރުން ރާއްޖޭގައި އިތުރުވަމުންދޭތޯ އެ ނޫހުން ސުވާލުކުރުމުން ސަފީރު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ސުވާލުތައް އުފެދެނީ ހިތްހަމަނުޖެހިފައި ތިބި ސިޔާސީ މީހުން ދައްކާ ވާހަކައަކީ ހަގީގަތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މައްސަލަތަަކަށް ހައްލު ހޯދުމަށް މަޝްވަރާއަށް ސަރުކާރުން ގޮވާލި ނަމަވެސް، އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކަށް އެތެރޭގެ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުއިން ރާއްޖެއަށް އެހީތެރިވާން ބޭނުންވާނަމަ ވަކިގޮތަކަށް ކަންކަން ކުރުމަށް މަޖުބޫރުނުކޮށް، މުއައްސަސާތައް ހަރުދަނާކުރުމަށް އެހީތެރިވެދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަހުމަދު މުހައްމަދު ވިދާޅުވީ އެތެރެން ވިޔަސް ބޭރުން ވިޔަސް މިކަމުގެ ތެރެއަށް ވަންނަމަ، އަމާން ރައްކާތެރި ބަނދަރަކާ ހަމައަށް ރާއްޖޭގެ ކަންކަން ގެންދިއުމަށް ނަގާ ވަގުތު އިތުރުވެގެންދާނެ ކަމަށެވެ.