މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ގައުމުން މަރުހަބާ ނުކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މައުސޫމް މުސްލިމް ތުއްތު ކުދިންނާއި އަހުންނާއި އުޙްތުން ކަތިލަމުންދާ މިންޔަންމާގެ އެއްވެސް ވަޒީރަކަށް މަރުހަބާ ނުކިޔޭނެ ކަމަށެވެ.
އަބްދުﷲ ޝާހިދު މި މޭރުމުން ވާހަކަ ދެއްކެވިއިރު މިޔާންމާގައި އުޅެމުންދާ ރޮހިންޖާ ދަރިކޮޅު ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ އެންމެ އަސާސީ ޚިދުމަތްތައް ކަށަވަރު ކޮށްދިނުމަށް މިޔަންމާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އޮއުންގ ސަން ސޫ ކީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
މިޔަންމާގެ ރޮހިންޖާ ގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި މިޔަންމާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.
މިޔަންމާގެ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓްގެ ވަރަށް ގިނަ ތަންތަނުގައި ރޯކޮށް ލާއިންސާނީ އަމަލުތައް ހިންގުން މިދުވަސްވަރު އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ.
އެ ސްޓޭޓަށް އިންސާނީ ހައްގުތަކަށް މސައްކަތް ކުރާ ބައިނަލްއަގްވާމީ މޮނީޓަރުންނަށް ނުވަދެވޭ އިރު އެކަމާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިޔަންމާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބަންގްލަދޭޝްއަށްވެސް ހިޖުރަކުރަމުންނެވެ. އެގޮތުން ގާތްގަނޑަކަށް 58000 މިޔަންމާގެ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދު އަންދަމުންދަނީ ހައްދުފަހަނައަޅާފައިވާ ބުޑިސްޓު މީހުންނެވެ. އެގައުމުގެ މެޖޯރިޓީ އަކީވެސް ބުޑިސްޓުންނެވެ. ރާކީން ސްޓޭޓްއަކީ މިޔަންމާގެ އެންމެ ފަގީރު އެއް ސްޓޭޓް އެވެ. އެސިޓީގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށް ވުރެ ގިނަމީހުން ދިރިއުޅެމުންދެ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ގިނަ ދުވަސްތަކެއްވެ ހައްލުނުވެ އޮތް މައްސަލައެކެވެ.